
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު ނަސީރު އާ ސުވާލު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރެވެ.
މެންބަރު ސަމީރުގެ ސުވާލުގައި ވިދާޅުވީ ދާރުލްއާސާރުގެ އެތެރެ އިތުރަށް ރަނގަޅުކުރަން މަސައްކަތް ފެށިއިރު 12 ލޮރީގެ ކުނި ދާރުލްއާސާރުން ބޭރުކުރިކަމަށް ވަޒީރު ވިދާޅުވެފައިވާ ކަމަށާއި ދާރުލްއާސާރުގައި ހުރި އާސާރީތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ނައްތާލާފައިނުވާކަން ޔަގީން ކުރެއްވިންތޯއެވެ.
ޖަވާބުގައި ވަޒީރު ނަސީރު ވިދާޅުވީ ދާރުލްއާސާރު ތަރައްގީކުރުމުގެ މަސައްކަތަކީ އެ އިމާރާތުގެ އެތެރެއާއި ބޭރު ސަރަހައްދާ ގުޅިފައިވާ މަސައްކަތެއް ކަމަށާ، އާސާރުގެ ގޮތުގައި ހުންނަ އެތައް އެއްޗެއް އިމާރާތުގެ އެތެރެއާއި ބޭރުގައިވެސް ހުންނަ ކަމަށެވެ. ދާރުލްއާސާރާއި އެ ސަރަހައްދު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި، ކުރިން އެތަނުގައި ހުރި އެތައް ބައިވަރު ކުންޏެއް ނަގައި އުކާލިއިރު އެއީ ކުނި ކަމަށް ކަނޑައަޅާފައި ވާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ކުނި ކަމަށް ކަނޑައަޅަންޖެހޭ ތަކެތި އެއީ ނައްތައިލަންޖެހޭ ކުނި ކަމަށް ކަނޑައަޅާފައިވާނީ ގާނޫނު ނަންބަރު ގާނޫނު ނަންބަރު 3/2006 ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި ބާވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލު ކުރާނެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން،" ނަސީރު ވިދާޅުވި އެވެ.
"އަދި ނައްތާލަންޖެހޭ ތަކެތި ނައްތާލާފައި ވާނީ މި ދެންނެވުނު ގާނޫނާއި ގަވާއިދާއި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން."
ވަޒީރު ނަސީރު ވިދާޅުވީ އުކާލެވުނު ކުނީގެ ތެރޭގައި ދާރުލްއާސާރު ހުންނަ އިމާރާތުގެ އެތެރޭގައިހުރި ކުންޏާއި އިމާރާތުގެ ބޭރުން ދާރުލްއާސާރުގެ ގޯތިތެރޭގައި ހުރި ކުނި ވެސް ހިމެނޭ ކަމަށާ، ދާރުލްއާސާރުގެ އެތެރެއިން އުކާލެވުނު ތަކެތި ހުރީ އާސާރީ ތަކެތި ހުންނަ ބަޔަކު ނޫން ކަމަށެވެ.
ދާރުލްއާސާރު ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެތަނުގައި ހުރި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
"ވީމާ ދާރުލްއާސާރު ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވޭ." ވަޒީރު ނަސީރު ވިދާޅުވިއެވެ.




