ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު.--
ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކައަށް އަމީރުގެ ރައްދު
ދޮގެއް ކޮންމެހެންވެސް ހަދާ ހިތްވެގެން ގައިކަހާނަމަވެސް، މީހުން ގަބޫލުކޮށްފާނެ ފާޑުގެ ދޮގު ހަދަންވާނީ - އަމީރު
ފިޔެސް 24 ސެޕްޓެމްބަރ 2025 (ބުދަ)   08:07
ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ބަޖެޓްކޮށްފައި ހުރި ޕްރޮޖެކްޓްތައް ކުރިއަށް ނުދަނީ ކުރީ ސަރުކާރުގެ ސަބަބުންނޭ ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަ އަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.

ރައީސް މުއިއްޒު، މިމަހުގެ 21 ވަނަ ދުވަހު މ.ވޭވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގާ ވިދާޅުވީ ސަރުކާރާ ހަވާލުވެގެން ހުއްޓިފައިހުރި މަޝްރޫއުތަކަށް ބަލާއިރު ފާހަގަވަނީ ދެކަމެއް ކަމަށެވެ. އެފަދަ މަޝްރޫއުތައް 2023 ޖުލައިން ފެށިގެން އޮކްޓޯބަރާ ހަމައަށްވެސް ހަވާލުކޮށްފައި އެބަހުރި ކަމަށާ، 2024 ގެ ބަޖެޓްގައި އެ މަޝްރޫއުތައް ކުރިއަށްގެންދެވޭވަރަށް ބަޖެޓް ހަދައިދީފައި ނެތްކަމަށެވެ. އެ ބަޖެޓް ހުށަހެޅުއްވީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަމާއި އެ ބަޖެޓް ފާސްކުރީ ކުރީގެ މަޖިލީހުންކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް މުއިއްޒުގެ މިވާހަކަތައް ހިމެނޭ ވީޑިއޯ ކްލިޕަކާއެކު އަމީރު އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގައި ވަނީ ވަރަށް ތަފްސީލުކޮށް އެވާހަކަތައް ދައްކަވާފައެވެ.

"އާންމުކޮށް ރައީސް މުއިއްޒު ދޮގު ހައްދަވާ އުސޫލުން މިހުރީ ކަނޑައެޅިގެން ދޮގު ހަދާފަ" މުއިއްޒު ޓެގް ކުރައްވާ އަމީރުގެ ވާހަކަ ފެއްޓެވީ މިފަދައިންނެވެ.

އަމީރު ވިދާޅުވީ 2023 ވަނަ އަހަރުވެސް އަދި އޭގެ ކުރީ 2019 އިން 2022 އަށް ވެސް ޕްރޮޖެކްޓްތަކުގެ ޓެންޑަރ މަރުހަލާ ކުރިޔަށް ގެންގޮސްފައިވާނީ ފާސްކުރެވުނު ބަޖެޓާ އެއްގޮތަށް ކަމަށެވެ. 2023 ވަނަ އަހަރު އެވޯޑް ކުރެވުނު ޕްރޮޖެކްޓްތަކުގެ ތަފްސީލް މިހާރުވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ފެންނަން އެބަހުރި ކަން އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ. ވެބްސައިޓްގެ ލިންކް ހިއްސާކުރައްވާ އަމީރު ފާހަގަކުރައްވާފައިވަނީ ޓެންޑަރ މަރުހަލާ ނިމުނީމަ މަޝްރޫއުތަކުގެ އެވޯޑްޝީޓް ވަކިން އަޕްލޯޑް ކުރަން ފެށުނީ މިދިޔަ ސަރުކާރުގައި ކަމަށެވެ.  

އަމީރު ވިދާޅުވެފައިވަނީ ޕްރޮޖެކްޓް އެވޯޑްކުރުމާއި ހަމައަށް ދަނީ ވަރަށް ގިނަ މަރުހަލާ ކަޑައްތުކޮށްފައި ކަމަށެވެ. އެގޮތުން 2022 ވަނައަހަރު ޓެންޑަރަށް އަލަށް ހުޅުވާލެވޭ ޕްރޮޖެކްޓެއް 2023 ވަނައަހަރުވެސް އެވޯޑް ކުރެވިފަ ހުރެދާނެކަމަށާ، މިސާލަކަށް 2023 ވަނައަހަރު ޖެނުއަރީ މަހު އެވޯޑްކޮށްފައިވާ 31 ޕްރޮޖެކްޓުން ގިނަވާނީ 2022 ވަނައަހަރު ޓެންޑަރު މަރުހަލާ ފެށިފައިވާނެ ޕްރޮޖެކްޓްތައްކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

2023 ވަނައަހަރުވެސް ޕްރޮޖެކްތަކުގެ ޓެންޑަރު މަރުހަލާ ކުރިޔަށް ގެންގޮސްފައިވާނީ 2023 ވަނައަހަރަށް ފާސްކުރެވުނު ބަޖެޓާއި އެއްގޮތަށްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވެފައިވަނީ އެ އަހަރު އެވޯޑްކުރެވުނު ޕްރޮޖެކްޓްތަކުގެ ޖުމްލަ އަދަދަކީ 202 ކަމަށެވެ. އޭގެ ތެރެއިން ޖުލައިން ފެށިގެން ނޮވެމްބަރު (ވެރިކަން ބަދަލުވުމާ ހަމައަށް) ގެ ނިޔަލަށް އެވޯޑްކުރެވުނީ 103 ޕްރޮޖެކްޓް ކަމަށާ، އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އެވޯޑްކުރެވިފައިވާ ޕްރޮޖެކްޓްތަކަކީވެސް ބަޖެޓްގައި ވާ ގޮތަށް އޭގެ އެތައް މަހެއްކުރިން ޓެންޑަރު މަރުހަލާ ފެށިފައިވާ ޕްރޮޖެކްޓްތައްކަން އަމީރު ފާހަގަކުރައްވާފައި ވެއެވެ.

ރައީސް މުއިއްޒުގެ ވާހަކައިގާ ޕްރޮޖެކްޓް ހަވާލުކުރާ ކޮންޓްރެކްޓަރ އަށް އެޑްވާންސް ޕޭމަންޓް ދިނުމުން ފިލަނީ ކަމަށާ، އަނެއްކާ އެ މަޝްރޫއު އެހެން ކޮންޓްރެކްޓަރަކާ ހަވާލުކޮށް އެޑްވާންސްދޭ ކަމަށް ވިދާޅުވެފައިވާތީ އަމީރު ވަނީ އެއީވެސް ދޮގެއް ކަމަށް ވިދާޅުވެފައެވެ.

"އެއް ޕްރޮޖެކްޓެއް ގިނަ ފަރާތްތަކަށް އެވޯޑްކޮށްފައިވާ ކަމަށް ހަދަނީ ދޮގެއް. އެވޯޑްކޮށްފައިވާ ފަރާތްތަށް އެނގޭ ޓޭބަލް (ޖުލައި ފެށިގެން) ބައްލަވާލައްވާ. އެޑްވާންސް ޕޭމެންޓްވެސް ދޫކޮށްފައިވާނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް. ތި ލިސްޓް ބައްލަވާ ލައްވާ. މި ތަނުން ކޮން ކޮންޓްރެކްޓަރެއްތޯ ގެއްލުނީ. އެމްޓީސީސީ ތޯ ނޫނީ މައިކްރޯސޮފްޓްތޯ. ދޮގެއް ކޮންމެހެންވެސް ހަދާ ހިތްވެގެން ގައި ކަހާނަމަވެސް، މީހުން ގަބޫލުކޮށްފާނެ ފާޑުގެ ދޮގު ހަދަންވާނީ. ވެރިކަމަށް އަންނަން ވެގެން ހެދި ފާޑުގެ." އަމީރު ވިދާޅުވެފައި ވެއެވެ.

2019 އިން 2023 އަށްވެސް، ކޮވިޑްގެ ހާލަތާ އެކުވެސް ޕްރޮޖެކްޓްތައް ހިންގިކަން ފާހަގަކުރައްވައި އަމީރު ވިދާޅުވެފައިވަނީ "އެ ބަޖެޓްތައް ވެސް ފާސްކޮށްފަ އޮންނާނީ 2024 ގަ ބަޖެޓްވެސް އެކުލަވާލައި، ފާސްކޮށްފައިވާ ގޮތަށް. އަދި 2023 ޓްރާންޒިޝަން މުއްދަތުގައި މަނިކުފާނުގެ ޓީމް ބޭނުންވި ގޮތަށް 24 ގެ ބަޖެޓް އެކުލަވާލަން ފުރުސަތު ބޮޑުކޮށް ދީފައިވާނެ.މަނިކުފާނުގެ ސަރުކާރަށް ނުވެގެން އުޅެނީ ހަމަ ގާބިލްކަމެއް ނެތި، ދެން ކުރާނެ ކަމެއް ނޭނގި ގަބު ވެފަ ތިބޭތީ." ކަމަށެވެ.

ރައީސް މުއިއްޒުގެ ވާހަކަތަކަށް އަމީރު ރައްދުދެއްވައި އެވާހަކަ ނިންމަވައިލައްވަމުން ވިދާޅުވެފައިވަނީ މި ސަރުކާރުން އެއްވެސް ވަރަކަށް ހަމައާއި އުސޫލު ފޮލޯ ނުކުރާ ކަމަށެވެ.

"ތީ އެއްވެސް ވަރަކަށް ހަމައެއް އުސޫލުއް ފޮލޯ ކުރާ ބަޔެއް ނޫން. މި ދިޔަ ސަރުކާރުގައި ކޮންޓްރެކްޓް އެވޯޑްކޮށް މަސައްކަތްވެސް ފަށާފައިވާ ޕްރޮޖެކްޓެއް، އެކޮންޓްރެކްޓަރަށް އަންގާލުމެއްވެސް ނެތި، ދިރި އޮތް އެގްރިމެންޓް އޮތްއިރު، މަނިކުފާނު ކުރި މަތީ ރައްޔިތުންނަށް މަކަރު ހަދަން ސަރުކާރު ކުންފުންޏާއެކު ހުސް ގަނޑެއްގައި ވެސް ސޮއިކޮށްފަ އެބަހުރި."

ކުރީސަރުކާރުން ރަށްރަށުގައި ފަށާފައިހުރި ގިނަ މަޝްރޫއުތައް ހުއްޓި އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އަލަށް ފަށަން ބަޖެޓްގައި ހިމަނާފައިހުރި މަޝްރޫއުތައްވެސް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން އެދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި ރައްޔިތުން އާންމުކުރެއެވެ. އެ ރައްޔިތުންނަށް ރައީސް މުއިއްޒު އެކިފަހަރު އެކި ޖަވާބު ދެއްވާއިރު އެވާހަކަތަކަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުންނާއި އާންމުކޮށް އެންމެނަށް ފެންނަގޮތަށް ހިނގާފައި ހުންނަ ކަންކަމުގައިވެސް ރައީސް މުއިއްޒު ދޮގު ހައްދަވަމުން ގެންދާ ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

ކޮމެންޓް
ނުސްރާ
5 hours ago
އަމީރު މިހާ ސާފުކޮށް ކިޔައިދިނަސް، މުއިއްޒު ވަޒީފާ ދީގެން އެގެންގުޅޭ ބައިގަނޑު ގަބޫލެއް ނުކުރާނެ. ވަޒީފާ ގެއްލޭ ދުވަހަކުން ހަމަބިމަށް ފައިބާނެތޯއްޗެ.