މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް - ފޮޓޯ: އެމްޑީޕީ
މުސާރަ ޖަމާވި އިރު ގިނަ މުވައްޒަފުންގެ ޖުމްލަ އާމްދަނީ ބޮޑުތަނުންވީ މަދު
ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ދަށުން ލިބޭ ފުރަތަމަ މުސާރަ މިހާރު ވަނީ ޖަމާވަން ފަށާފައި
ޖުނާން އަޙުމަދު 30 ޑިސެމްބަރ 2025 (އަންގާރަ)   18:27
މި ސަރުކާރުން، މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު އެއްވެސް މުވައްޒަފަކަށް ލިބޭ ޖުމްލަ އާމްދަނީ މަދު ނުވާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މި މަހު މުސާރަ ޖަމާވި އިރު ގިނަ މުވައްޒަފުންނަށް ލިބެމުން ދިޔަ ޖުމްލަ އާމްދަނީ ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަމަށް ވިދާޅުވެ، މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާޒިމް މިއަދު މީސްމީޑިއާގައި ވިދާޅުވީ މި މަހުގެ މުސާރަ ޖަމާވި އިރު ގިނަ މުވައްޒަފުންނަށް ކުރިން ލިބެމުން ދިޔަ ޖުމްލަ އާމްދަނީ ވަރަށް ބޮޑު ތަނުން މަދުވެފައިވާ ކަމަށާ، މުވައްޒަފުންގެ މި މަދުވެގެންދިޔަ އާމްދަނީ އަކީ އެމީހުންގެ މުޅި ދިރިއުޅުން އޭގެ މައްޗަށް ބިނާވާ އެއްޗެއްކަމަށެވެ.

އެގޮތުން ކުއްޔާއި ކެއިންބުއިމުގެ އިތުރުން، ބިލްތަކާއި ދަރިންގެ ޓީއުޝަން ފީ އަދި ލޯނާއި އެ ނޫނަސް ޒަރޫރީ އެހެނިހެން މުހުތާދުތައް ފުއްދަން ޖެހެނީ ލިބޭ މުސާރަ އިން ކަން ފާހަގަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، މުސާރަ އަށް އެއްކޮށް ބަރޯސާވާ، ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެއްސޭ އާއިލާތަކަށް ކުރިން އެންގުމަކާ ނުލާ، ލިބެމުން އައި މުސާރައިން ބޮޑުބައެއް އުނިވުމަކީ އެފަދަ އާއިލާތަކުގެ މުޅި ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތި ވެގެންދާނެ ކަމެއް ކަމަށެވެ.

"މިއީ މުސާރައިން ބައެއް އުނިވެދާނެކަމުގެ ކަންބޮޑުވުމާއި އުދާހުގެ ސަބަބުން ހިތަށް ތަދުވަމުންދިޔަ ރައްޔިތުންގެ ހިތުގައި ހުރި ރޯ ފާރުތަކަށް ލޮނުމިރުސް އެޅުން ފަދަ ކަމެއް. ދެ ލައްކަ ފަންސާސް ހާސް މީހުންނަށް ހިދުމަތްދިނުމުގައި އަބަދު ހޭލަމޭލައަށް އުޅެމުންދާ މާލެ ސިޓީ ކައުންސިލް މުވައްޒަފުނާ، އެހެނިހެން ސިވިލްސާވިސް މުވައްޒަފުންނަކީ، ވަރަށް ކުޑަ މުސާއަރައަކަށް، ވަރަށް ގިނަ ވަގުތު މަސައްކަތްކުރަމުންދާ ބައެއް. އެހެންކަމުން، އެ މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައިން ބޮޑު ބައެއް އުނިވުމަކީ، އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެކަމެއް ނޫން." – އާދަމް އާޒިމް

އާޒިމް ވިދާޅުވީ، މުވައްޒަފުންނަށް ކުރިން ލިބެމުން އައި ޖުމްލަ އާމްދަނީ އިތުރު ކުރެވޭ ގޮތަށް، މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އެބޭފުޅާ ގޮވާލައްވާ ކަމަށެވެ.

އަދި ރޯދަ މަސް ގާތްވެފައި އޮއްވާ މިގޮތަށް އަމަލު ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެއް ކަމަށް އާދަމް އާޒިމް ވިދާޅުވި ނަމަވެސް، ފިނޭންސް މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވަނީ، މުސާރަ އަށް ގެނައި ބަދަލާ ގުޅޭ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުޑަވާ ބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތައާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް" ގެ މިންގަނޑާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހޭނެ ކަމަށެވެ.

ކޮމެންޓް