
ހުސްވި މަހުގެ 21 އިން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި 1،010 ތަނެއް ބަލައިފާސްކުރި ކަމަށާ، އޭގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންްގާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ތަންތަނާއި ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ހިމެނޭ ކަމަށް އެމްއެފްޑީއޭ އިން މީޑިއާގައި އިއްޔެ ބުންޏެވެ.
ބަންދުކުރި ތަންތަނުގެ ތެރެއިން، ރަޖިސްޓްރީކުރުމަށާއި، ހުއްދައާ ކުރުމަށް ފޯމް ހުށަހަޅާފައިވާ 27 ތަނަށް ހުއްދަ އަލުން ދޫކުރެވިފައިވާ ކަމަށާ، ބަލައި ފާސްކުރުމުގެ މި އޮޕަރޭޝަން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔައީ ހަ ސަރަހައްދަކަށް ބަހާލައިގެންނާއި، ހުޅުމާލޭގައި ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
މިފަދަ މައްސަލަ ފާހަގަވާ ތަންތަނުގެ އަދަދުތައް ހާމަކުރާނެ ކަމަށާ، ނަމަވެސް ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ނަންތައް އާންމު ނުކުރަން އެ އިދާރާއިން މިހާރު ނިންމައިފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.




