
ފެނަކަ ފުވައްމުލައް ބްރާންޗުން ދޫކުރާ ފެނުގެ މައްސަލައާ ގުޅިގެން އެކި ސަރަހައްދުތަކުން ފެން ނަގައިގެން ތަހުލީލުކޮށްފައިވާ ކަމަށާ، އެ ފެނަކީ ޑަބްލިއުއެޗްއޯ (ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ) ގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ވަނީ އިއްޔެއިން ފަށައިގެން އެ ސިޓީއަށް ފެނަަކައިން ފެން ދޫކޮށް ނިމިފައިވީ ނަމަވެސް ކްރޮސް ކަނެކްޝަން ހަދާފައި ހުރި ބައެއް ގެތަކަށް ފެން ދޫނުކޮށް އެބަ ހުރި ކަމަށެވެ.
އެހެންކަމުން އެކަން ރަނގަޅުކުރުމަށް ބައެއް ގެތަކަށް ފެނަކައިން އަންގާފައިވާ ކަމަށާ، ފެނަކައާ ބައްދަލުކޮށް، ސިއްހީ ގޮތުން ފެނުގެ ސައްހަކަން ކަށަވަރުކުރަން ކައުންސިލުން ބޭނުންވާކަން ވެސް އަންގާފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
އަދި ފެނުގެ މައްސަލައިގައި އަދިވެސް ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށާ، ފެނުގެ ތަހުލީލުގެ ނަތީޖާ އެނގުނީ ހަމައެކަނި އެމްއެފްޑީއޭގެ ނޫސްބަޔާނުން ކަމަށް ވެސް ފުވައްމުކައް ސިޓީ ކައުންސިލުން ބުނެއެވެ.
ފެނުގެ ސައްހަކަން ކަށަވަރުކުރުމަށް ކައުންސިލުން އަމިއްލައަށް ފެނުގެ ސާމްޕަލް ނަގައިގެން ތަހުލީލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަނީ އެފަދަ ސަބަބުތަކަށްޓަކައި ކަމަށް ވެސް ފުވައްމުކައް ސިޓީ ކައުންސިލުން ބުނެއެވެ.




