ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިފައިވާ 3 ބޭސް
ނުރައްކާ މިންވަރަށް ކެމިކަލް 3 ބޭހަކުން ފެނިއްޖެ، ސަމާލުވޭ - އެމްއެފްޑީއޭ
މަރްޔަމް މުޙައްމަދު 14 ޑިސެމްބަރ 2025 (އާދީއްތަ)   13:56
އިންޑިއާގައި އުފައްދާ ދެ ބޭހަކުންނާއި، ތައިލޭންޑުގައި އުފައްދާ ބޭހަކުން ނުރައްކާ މިންވަރަށް ކެމިކަލް ހުރިކަމަށް ފާހަގަވެފައިވާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ (މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ) އިން އިލްތިމާސް ކޮށްފިއެވެ.

މިކަމާގުޅޭގޮތުން އެމްއެފްޑީއޭއިން މިއަދު މީސްމީޑިއާގައި ހިއްސާކޮށްފައިވާ އިއުލާނެއްގައި ވަނީ، ދިވެހިން ވެސް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ބައެއް ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެން-ނައިޓްރޯސޯޑިމެތައިލަމިން (އެންޑީއެމްއޭ) ހުންނަންޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރި ކަމަށް، ސެއާން (ސައުތު އޭޝިއަން ރީޖަން ނެޓްވޯކް) އިން އަންގާފައިވާ ކަމަށެވެ.

އެގޮތުން އެންޑީއެމްއޭ ހުންނަން ޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރި ކަމަށް އެމްއެފްޑީއޭއިން ފާހަގަވެފައިވާ ތިން ބޭހުގެ ނަންތަކާއި މައުލޫމާތުތައް ވެސް އެމްއެފްޑީއޭއިން މިއަދު ހިއްސާކުރި އިއުލާނުގައި ވެއެވެ.

ނަމަވެސް، ބޭސް އެތެރެކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، މިއިން އެއްވެސް ބޭހެއް، ރާއްޖެ އެތެރެކޮށްފައިނުވި ނަމަވެސް ތައިލެންޑަށާއި އިންޑިއާއަށް ގިނަ ދިވެހިން ބޭސް ފަރުވާއަށް ދާކަން އެ އިދާރާއިން ފާހަގަކޮށް، ބައެއް ހާލަތްތަކުގައި އެ ގައުމުތަކުން ރާއްޖެއަށް ބޭސް ހިފައިގެން އަންނަ މީހުން އެކަމަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭގެ އިއުލާނުގައި ވެއެވެ.

އެހެންކަމުން ބޭސް ސިޓީއަށް އެތެރެކުރާ ބޭހާމެދު، ހާއްސަ ސަމާލުކަމެއް ދީގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަނދަރުތަކުގައި ބަލައި ފާސްކުރާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

ކޮމެންޓް