މާލޭގައި ހިންގާ ކެފޭއެއް.-
ބަނޑުހައިވެގެން ކެއި މީހާގެ ބަންދަށް ދިހަ ދުވަސް
މަރްޔަމް މުޙައްމަދު 28 އޮކްޓޯބަރ 2025 (އަންގާރަ)   11:26
ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކެއީ ބަނޑުހައިވެގެން ކަމަށް ބުނި މީހާގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.

މިއީ ކެފޭއަކުން ކެއުމަށް ފަހު، ބިލު ނުދައްކާ ފިލަން އުޅުމުން ފުލުހުން ހައްޔަރުކުރި މީހެއްގެ މައްސަލަ އެވެ. އޭނާ ވަނީ ކެފޭއަކުން ކެއުމަށް ފަހު ބިލު ނުދައްކާ ފިލަން މަސައްކަތްކޮށްފައެވެ. އެ މީހާ ވެސް ކޯޓުގައި ވަނީ ފުލުހުން ކުރަނީ ރަނގަޅު ތުހުމަތެއް ކަމަށް ބުނެފައެވެ. އެކަމަކު، ކޯޓުގައި އެ ޒުވާނާ ބުނީ ކެއީ ބަނޑުހައިވެގެން ކަމަށެވެ.

މި މައްސަލާގައި، ވައްކަންކުރުން/އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ތިމާ އަމިއްލަ ބާރު ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރީ ގދ. ވާދޫ، ޖަވާހިރުމާގެ، އުމުރުން 25 އަހަރުގެ ރާއިފް އަލީ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވާ ގޮތުގައި މިއީ މީނާ މި ފަދަ ހާދިސާއެއް ތަކުރާރުކުރި ތިންވަނަ ފަހަރެވެ.

ކޯޓުގައި އެ ޒުވާނާ ބުނީ، ދިރިއުޅޭނެ ތަނެއް ވެސް ނެތް ކަމަށާއި ނިދާ ހަދަނީ ވެސް ޖޯލިތަކުގައި ކަމަށެވެ. އޭނާގެ އާއިލާ މީހުން ވެސް ދުނިޔޭގައި އެބަތިބި ކަމަށާއި އެކަމަކު އެ މީހުންގެ "ޚަބަރެއްނުވާ" ކަމަށް އޭނާ ބުނެފައިވެއެވެ.

އެހެންވެ، އޭނާ ގިނައިން ކައި ހަދަނީ ސަލާންޖަހައިގެން ކަމަށް ބުންޏެވެ. އޭނާ ވަޒީފާއެއް ވެސް އަދައެއް ނުކުރެއެވެ.

ކޯޓު އަމުރުގައި ވަނީ ވައްކަން ކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ބިލުތަކަށް ފައިސާ ނުދެއްކުމުގެ ކުށުގެ ރިކޯޑު އެ މީހާގެ އޮތްކަން ފާހަގަކޮށްފައެވެ.

ކޮމެންޓް