
މިކަމަށް ގޮވާލާ އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕު ކޮށްފިނަމަ ދިވެހި ރުފިޔާގެ އަގު އަގު ދަށްވެ ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެ ކަމަށާ، އެހެންކަމުން އެކަމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ.
އަދި އެފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ ގާނޫނީގޮތުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ގައިރުގާނޫނީ އަމަލެއް ކަމަށާ، އެމްއެމްއޭގެ ބޯޑު މެންބަރުން އަދި ޕެންޝަން ފަންޑުގެ ބޯޑު މެންބަރުން ސަރުކާރުގެ މިފަދަ ގައިރުގާނޫނީ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ދިނުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ވެސް އެމްޑީޕީގެ ނޫސްބަޔާނުގައި ވެއެވެ.
ފައިސާ ޗާޕުނުކުރުމަކީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެއްކަމަށް ވާއިރު، އެންމެފަހުން ޕީއެންސީން ބޭއްވި ޖަަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވެސް ރައީސް މުއިއްޒު ވަނީ އިގްތިސޯދީ ދުވެލި ރަނގަޅު ކަމަށާއި، ފައިސާ ޗާޕުނުކޮށް، ދަރަނި ވެސް ދައްކައި މެނޭޖުކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި، ޕެންޝަން އޮފީސް މެދުވެރިކޮށް 2.5 ބިލިއަން ރުފިޔާ ޗާޕު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެ އޮފީހުން މީގެ ކުރިން އިންވެސްޓްކުރުމުގައި ގެންގުޅުނު ހުރިހާ ހަމަތަކެއް މުގުރާލައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނެގުމަށް އެމްއެމްއޭއިން ހިންގަމުންދާ މަސައްކަތެއް ކަމަށް ބުނެ، ނޫސްބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރަން ނިންމާފައި ވަނީ މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު ބަޔާން ކޮށްފައިވާ ކަންކަމާ ވެސް ހިލާފަށް ކަމަށް ބުނެފައި ވެއެވެ.




