
މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސޮއިކުރީ، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ރޭ ބައިވެރިވެވަޑައިގެންނެވި ޖަލްސާގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރި ބައިސަން މޯލްޑިވްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް، ޚާއްސަކޮށް ރިސޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ޕްރައިވެޓް ކުންފުންޏެކެވެ.
ރިސޯޓު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގް ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދާއި ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް މަޖީދެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ރިސޯޓު ތަރައްގީ ކުރުމުން ގަމުގެ ޒުވާނުންނާއި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ލިބި، މުޅި އަތޮޅަށް ވެސް އިގްތިސޯދީ ގޮތުން ފައިދާ ވާނެ ކަމަށެވެ. އަދި ލ.އަތޮޅަކީ ފަތުރުވެރިކަމުން ކުރިއަރާފައި އޮތް އަތޮޅަކަށް ހަދައިދޭނެ ކަމަށް ވިދާޅުވިއެވެ.
"ދާދި އަވަހަށް އިރާދަކުރެވިއްޔާ މި އަތޮޅުގެ ރައްޔިތުންނަށް ހަމަ ޖުމްލަކޮށް ފެނިވަޑައިގަންނަވާނެ އަދި އިތުރު ދެތިން ހަތަރު ރިސޯޓު ހެދުމަށް އެކި ފަރާތްތަކުން އެކި އިންވެސްޓަރުން އެގްރީމަންޓުތައް ހަދައި، މަސައްކަތްތައް ފަށާތަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހިންގާ ކޮންސްޓްރަކްޝަން ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކަށް ދޭނެ ކަމަށާ، ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި އަމިއްލަ ގިނަ ކުންފުނިތަކަކާ ހަވާލު ކުރާނެ ކަމަށެވެ. އޭގެ ސަބަބުން އެތައް ކުންފުނިތަކަކަށް އެ މަޝްރޫއުތަކުގެ ފައިސާ ލިބިގެން ދިޔުމުން އެތައް އާންމު ރައްޔިތުންނަކަށް ތަނަވަސްކަން ލިބޭނެ ކަމަށާއި އިގުތިސޯދު ފުޅާވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.




