ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި ތަރައްގީކުރާ ރިސޯޓްގެ ވޯޓާ ވިލާގެ ކުރެހުމެއް.-
ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހަދަނީ
ހިޝާމް ހާރޫން 18 ނޮވެމްބަރ 2025 (އަންގާރަ)   08:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕް އޮގަނައިޒޭޝަނުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހެދުމަށް ނިންމައިފި އެވެ.

ދަ ޓްރަމްޕް އޯގަނައިޒޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް" ގެ ނަމުގައި ހަދާ މި ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗް ވިލާ އާއި ވޯޓާ ވިލާ ހުންނާނެ ކަމަށެވެ.

މާލެއިން ފުރައިގެން ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރަށެއްގައި މި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު ޑާ ގްލޯބަލް އިންނެވެ.

ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި މިފަށާ މަޝްރޫއާ ގުޅޭގޮތުން، އެ އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ރައީސް ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕް ވިދާޅުވީ އެ ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ތަރައްގީ ކުރުމަކީ އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޑާ ގްލޯބަލްއާ ގުޅިގެން ޓްރަމްޕް ބްރޭންޑް ދިވެހިރާއްޖެއަށް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ތަރައްގީގެ ސަބަބުން ސަރަހައްދުގެ ލަގްޒަރީ އަލުން މާނަކުރުމުގެ އިތުރުން ޓޯކެނައިޒޭޝަން މެދުވެރިކޮށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގައި އާ ބެންޗްމާކެއް ކަނޑައެޅިގެންދާނެ." އެރިކް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ހަދާ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ 2028 ވަނަ އަހަރުގެ ފަހުކޮޅެވެ.

ދަ ޓްރަމްޕް އޮގަނައިޒޭޝަނުން އެމެރިކާގެ އިތުރުން ސްކޮޓްލެންޑާއި ދުބާއީގައި ވެސް ހޮޓާތަކާއި ރިސޯޓުތައް ހިންގަމުންދެއެވެ.

ކޮމެންޓް