ހަންކެޑެ އާއި ނަލަންދޫ.-
ހަންކެޑެ އާއި ނަލަންދޫ އަނެއްކާވެސް ފަތުރުވެރިކަމަށް ހުޅުވާލައިފި
މަރްޔަމް މުޙައްމަދު 13 އޮކްޓޯބަރ 2025 (ހޯމަ)   09:00
ކުރިންވެސް ފަތުރުވެރިކަމަށް ހުޅުވައިލި އައްޑޫ ސިޓީ ހަންކެޑެ އާއި ށ. ނަލަންދޫ އަނެއްކާވެސް ފަތުރުވެރިކަމަށް ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ގާތްގަނޑަކަށް ހަތް ހެކްޓަރުގެ ހަންކެޑެގައި ތަރައްގީ ކުރަނީ 1،000 އެނދުގެ ރިސޯޓެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެރަށް ދޫކުރަނީ ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން، ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިއުލާނަށް ގެނައި 9 ވަނަ އިސްލާހުގެ ދަށުން ކަމަށެވެ.

ތަރައްގީ ނުކުރެވި ދިގުލައިގެން ގޮސްފައިވާ ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ ނިންމި ނަމަވެސް، މީގެ ހަފްތާއެއް ކުރިން ވަނީ އެ ނިންމުން ބަދަލުކޮށް، އެތަނުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ނިންމައިފަ އެވެ.

ހަންކެޑެއަކީ ކުރީ ސަރުކާރުގައި އިންޓަގްރޭޓަޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައި، އެ ކޮންސެޕްޓް ތައްޔާރުކޮށް، މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އާ ހަވާލުކޮށްގެން ފެށި ޕްރޮޖެކްޓެކެވެ.

އޭގެފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ.  

ށ. ނަލަންދޫ ގައި ރިސޯޓެއް ތަރައްގީކުރަން ކުރީ ސަރުކާރުން ދެފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ވަނީ، އަންނަ މަހުގެ 12 ގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ރަށާ ގުޅޭ މައުލޫމަތު ދިނުން އޮންނާނީ މި މަހުގެ 23ގައި، ވާޗުއަލްކޮށެވެ.

ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ނަލަންދުއަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ލަނޑާ އާލާކުރާ ބަޔަކަށް ކުއްޔަށް ދޫކޮށްފައި އޮތް ރަށެކެވެ. ށ. އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ލަނޑާ އާލާކުރި މީހުންނަށް ބަދަލު ދިނުމަށް ފަހު، ރިސޯޓެއް ތަރައްގީކުރަން ހުޅުވާލީ 2023 ވަނަ އަހަރުގެ އޮގަސްޓް ގައެވެ. އަދި އޭގެ ފަހުން އޮކްޓޯބަރުގައި ވެސް ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލިއެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކަށް ނަލަންދޫ އެވޯޑްކޮށްފައެއް ނުވެއެވެ. 

ކޮމެންޓް