ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އަލީ.-
ޝަހީމް ހެދީ ދޮގެއް! އެއްވެސް ޚުތުބާއެއް ނުފޮރުވަން - ކުރީގެ މިނިސްޓަރު
ފިޔެސް 22 އޮކްޓޯބަރ 2025 (ބުދަ)   16:01
އެމްޑީޕީ ވެރިކަމުގައި އެއްވެސް ހުކުރު ޚުތުބާއެއް އިސްލާމިކް މިނިސްޓްރީން ނުފޮރުވާ ކަމަށާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ޑރ. ޝަހީމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ދެ ޚުތުބާއެއް ނުކިޔާ ގޮތަށް ނިންމައި ފޮރުވި ކަމަށާއި، އެޚުތުބާތައް ފޮރުވައިފައި އޮއްވައި މި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި އެ ދެ ޚުތުބާ ކިޔާފައިވާ ކަމަށެވެ.

"ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ދެ ޚުތުބާއެއް އޮތް ފޮރުވާފައި. އެއް ޚުތުބާ އަކީ ރިބާގެ ޚުތުބާ.. އަނެއް ޚުތުބާ އަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ޚުތުބާ. މީގެތެރެއިން އެއް ޚުތުބާ ލިޔުއްވީ އުސްތާޒު އިބްރާހީމް ރަޝީދު މޫސާ. އަނެއް ޚުތުބާ ލިޔުއްވި ބޭފުޅަކު ސީދާ މިވަގުތަކު ހަނދާނެއް ނެތް. މި ޚުތުބާ ކިޔަން ޝެޑިއުލް ކޮށްފައި އޮއްވާ، މި ޚުތުބާތައް ނުކިޔާ ގޮތަށް ނިންމާ އޮތީ ފޮރުވާފައި." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ މި ވާހަކައަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވިއެވެ.

"އެއީ ރަނގަޅު ވާހަކައެއް ނޫން. އެއީ ދޮގެއް. ވަކި މައުޟޫއެއް ވަކި މީހަކު ލިޔުނު އެއްޗަކަށް ވީތީއެއް ނޯންނާނެ ނުކިޔާ. އަދި އެއްވެސް ބޭފުޅަކު ލިޔުއްވި ޚުތުބާއެއް ފޮރުވާފައެއް ނޯންނާނެ." ފިޔެސް އަށް މައުލޫމާތު ދެއްވަމުން ޑރ. ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ޕީއެންސީ އެކްޓިވިސްޓެއްގެ ގޮތަށް އަމަލުކުރެއްވިކަން ބައެއް މެންބަރުން ފާހަގަ ކުރައްވައި ރިޔާސަތުގެ ސަމާލުކަމަށްވެސް އެކަން ގެނައެވެ.

ކޮމެންޓް