ވަގުފް އިމާރާތް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ވަގުފް އިމާރާތުގެ މަސައްކަތް އާރުސީސީ އާ ހަވާލުކޮށްފި
މަރްޔަމް މުޙައްމަދު 26 އޮކްޓޯބަރ 2025 (އާދީއްތަ)   16:27
މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރުސީސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. އަދި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަހީމްއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި 12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ގާއިމްކުރާ ބައެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއަށް ފަންޑު ކުރަނީ، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިން އިންނެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ.

your imageދާރުލްއަރުގަމް ވަގުފް އިމާރާތުގެ ތްރީޑީ ކުރެހުމެއް.--

އިސްލާމިކް މިނިސްޓްރީން ލަފާކުރާގޮތުގައި މި މަޝްރޫއު ނިމުމާއެކު މި އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެއެވެ. އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދާރުލްއަރުގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތަކާއި މާލޭގައި ގުރުއާނަށް ހާއްސަ އެ ފަދަ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ. އަދި އައްޑޫ އާއި ފުވައްމުލަކާއި ގދ.ތިނަދޫ އާއި ހދ.ކުޅުދުއްފުށީގެ އިތުރުން ގއ.ވިލިގިނލީގައި ވެސް ވަގުފް މަޝްރޫއުތައް ފެށުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ކޮމެންޓް