ިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މަޖިލީހުގައި ޖަވާބު ދެއްވަނީ.-- ފޮޓޯ: މަޖިލިސް
ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލުކުރީމަ ލަސްވަމުންދަނީ – ޝަހީމް
ޕީއެންސީ އެކްޓިވިސްޓެއްގެ ގޮތުގައި މެންބަރުންނަށް ޖަވާބު ދިނުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ބަލާއިރު ކުޑަކޮށް ހަޑިހުތުރު ކަމެއް - ގަފޫރު
ޖުނާން އަޙުމަދު 22 އޮކްޓޯބަރ 2025 (ބުދަ)   10:57
ކުރީ ސަރުކާރުން ހަވާލުކޮށްފައިހުރި މިސްކިތްތަކުގެ މަސައްކަތް ތަކާއި އިސްލާމީ މަރުކަޒުތައްވެސް ނުނިމި ލަސްވަމުންދަނީ ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތްތައް ހަވާލުކޮށްފައި ވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލު އަމާޒުކުރައްވާފައި ވަނީ، ބ.ކެންދޫ ހުކުރު މިސްކިތް ނުނިމި ލަސްވާ ސަބަބާ ގުޅޭގޮތުންނެވެ.

ޖަވާބުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މަސައްކަތް ހަވާލުކުރީ އެއްވެސް ތަޖުރިބާއެއް ހުރި ކުންފުންޏަކާ ނޫން ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އައީ ސައިޓުގައި އިންޖިނިއަރެއް ނެތި ކަމަށާއި އޭގެ ސަބަބުން ކުރެހުމާ ޚިލާފަށް މަސައްކަތް ކުރިއަށްގެންގޮސް، މަސައްކަތް އިތުރަށް ކުރިއަށްގެންދިއުމަށް ދަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ކަންކަން ހައްލު ކުރުމަށް ކުންފުންޏަށް އެންގި ނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށާއި، އެ މަޝްރޫއުގެ ކޮންޓްރެކްޓް ބާތިލުކޮށް، އާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރަން ސަރުކާރުން ނިންމާފައި ވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ސައިޓުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ވުޒާރާގެ ޓީމުތައް އެކި ފަހަރުމަތިން ވަނީ ކެންދޫއަށް ޒިޔާރަތްކޮށްފައި. މި ދަތުރުތަކުގައި ފާހަގަކުރެވުނު ކަންކަން ރަނގަޅު ކުރުމަށް ކޮންޓްރެކްޓަރަށް އެކި ފަހަރުމަތިން ވާނީ އަންގާފައި. މަސައްކަތްތައް އަވަސް ކުރުމަށް ޕްރޮގްރެސް މީޓިންތައް ބާއްވައި މަޝްވަރާތައް ވަނީ ކުރެވިފައި. ނަމަވެސް އެކަމަށް ހައްލު ނުލިބޭތީ ކޮންޓްރެކްޓް ބާތިލުކޮށް އައު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރުމަށް ވަނީ ނިންމާފައި. މި މަޝްރޫއު ޓަރމިނޭޓް ކުރުމަށް ޤާނޫނީ އިޖުރާއަތް ވަނީ ފަށާފައި،" މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވިއެވެ.

ހިތަދޫގައި އަޅާ އިސްލާމީ މަރުކަޒުގެ މަސައްކަތް ލަސްވުމާ ގުޅޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ސުވާލު ކުރައްވަމުން ވިދާޅުވީ އެ މަސައްކަތް ލަސްވަނީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރާ ކުންފުންޏަށް ފައިސާ ނުދޭ ކަމަށް ބުނާ ވާހަކައަކީ މުޅީން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާ، މަސައްކަތް ލަސްވަނީ ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލުކުރީމާ ކަމަށެވެ.

"އެ މިސްކިތް ނުވަތަ އެ ސެންޓަރު ހަވާލު ކޮށްފައިވާ ކުންފުންޏަށް އެއްވެސް ބިލަކަށް ފައިސާ ނުދައްކައެއް ނޯންނާނެ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލު ކުރީމާ މަސައްކަތް ލަސްވަމުން ދަނީ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އެ ޖަވާބާއެކު މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެށްޓެވުމުން ޝަހީމް ވަނީ ރުޅި އިސްކުރައްވައި ވާހަކަދައްކަވައިފަ އެވެ. ޝަހީމް ވިދާޅުވީ ސުވާލު ކުރުމަށްފަހު ޖަވާބު އަޑުއެހުމުގެ ގާބިލުކަން މެންބަރުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ.

"ހުރިހާ ފައިސާއެއް އަޅުގަނޑުމެން ދެއްކީ، އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވިއިރު ވެސް 50 މިލިއަން ރުފިޔާ ނުދައްކައި އޮތް، އިއްޒަތްތެރި މެންބަރު، އަޑު އައްސަވާ ޖަވާބު ސުވާލު ކުރައްވާފައި، ސުވާލުގެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަންޖެހޭނެ އިއްޒަތްތެރި މެންބަރު، 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ދިޔައީ، ލަދުގަންނަން ޖެހޭނެ ސުވާލުކުރަން،" ރުޅި އިސްކުރައްވައި އަޑުހަރުކޮށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އެހެން ވިދާޅުވުމާއެކު މަޖިލީހުގެ ތަޅު އިންތިހާއަށް ހޫނުވެ ބައެއް މެންބަރުން ކޮޅަށް ތެދުވެ އަޑުގަދަ ކުރަން ފެށި އެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރެވުނެ އެވެ.

މިއަދު މަޖިލީހުގައި މިނިސްޓަރު ޝަހީމް ޖަވާބު ދެއްވި ގޮތާމެދު ބައެއް މެންބަރުން ފާޑު ވިދާޅުވިއެވެ.

"މަގާމުގެ ހައިސިއްޔަތުން ގާނޫނީ ޒިންމާއެއް އަދާކުރަން މިނިސްޓަރު ވަޑައިގެން، ޕީއެންސީ އެކްޓިވިސްޓެއްގެ ގޮތުގައި މެންބަރުންނަށް ޖަވާބު ދިނުމަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ބަލާއިރު ކުޑަކޮށް ހަޑިހުތުރު ކަމެއް" ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.

ކޮމެންޓް