އޭރު ދިވެހި އޮބްޒާވަރ - މިހާރު ހަސަން ކުރުސީ
މުޙައްމަދު އަބްދުالله ޝަފީޤް 23 ޑިސެމްބަރ 2024 (ހޯމަ)   09:36
ރާއްޖޭގެ އެންމެފުރަތަމަ ގާނޫނުއަސާސީ 1932 ވަނަ އަހަރު އަމަލުކުރަން ފެށިއިރުވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދީފައި އޮތެވެ. އެހެނަސް އޭރސކު ވެރިކަމުގައި ތިއްބަވާ ބޭފުޅުން ބޭނުންވީމާ ބޭނުންގޮތަކަށް ފުރުސަތު ދެއެވެ. ސަރުކާރު ނުރުހޭ ޚިޔާލެއް ފާޅުކޮށްފިއްޔާ ނުވަތަ ލިޔެފިއްޔާ އޮންނަނީ ޖަލުގެ ކުޑަގޮޅިއެވެ. އަޅުގަނޑުމެން ޖީލުގެ އަދި އަޅުގަނޑުމެންނަށްވުރެ ދޮށީ ޖީލުގެ ގިނަބަޔަކު ވާނީ އެތަޖުރިބާ ކޮށްފައެވެ. ޚާއްސަގޮތެއްގައި ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި އުޅުނު މީހުންނެވެ.

1996 ވަނަ އަހަރު ރާއްޖެއަށް އިންޓަނެޓް ތައާރަފު ވުމާއެކު ސަރުކާރަށް ފާޑުކިޔުން ފެށުނީ އިންޓަނެޓް މެދުވެރިކޮށެވެ. ސްޕީޑް ލަސް ވެފައި މަދު ބަޔަކަށް ޚިދުމަތް ލިބުނު ނަމަވެސް އެކި ވެބްސައިޓްތަކާއި ފޯރަމްތައް އެކި ދުވަސްވަރު ފެނުނެވެ. ސަރުކާރަށް ފާޑުކިޔައި ލިޔުންތައް އާންމުކުރާ ސައިޓްތަކަށް ރާއްޖޭން ނުވަދެވޭ ގޮތަށް ބްލޮކްކުރިއެވެ.

ސަރުކާރަށް ބްލޮކް ނުކުރެވުނު އަދި ނުހުއްޓުވުނު ވެބްސައިޓަކީ "ދިވެހި އޮބްޒާވަރ" (ޑީއޯ) އެވެ. ޑީއޯ ފެށުނީ 2003 ވަނަ އަހަރު ސެޕްޓެމްބަރުމަހު މާފުށީ ޖަލުގައި ހިނގައިދިޔަ އަނިޔާވެރި އަމަލުތަކަށްފަހު އެވެ. އެ ހާދިސާއަށްފަހު ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރަންފެށިއެވެ. އެމީހުން މަސައްކަތްކުރީ ރޭވުންތެރިކަމާއެކު، ސަރުކާރަށް އަތުނުވާނެ ގޮތް ބަލައިގެންނެވެ. އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ތިބެގެންނެވެ.

ޑީއޯގެ ކުރިން، ސަރުކާރަށް ފާޑުކިޔައި "ސަންދާނު" ޕީޑީއެފް ފޯމެޓްގައި އީމެއިލް މެދުވެރިކޮށް ފޮނުވަމުންދިޔައީ ކޮންބައެއްކަން ސަރުކާރުން އޮތީ ހޯދާފައެވެ. އެކަމުގައި ބައިވެރިވި 4 މީހުންނަށް ހަރުކަށި އަދަބު ދިނެވެ. އެކަމުގައި ބައިވެރިވި ތިންމީހަކު 25 އަހަރަށް ޖަލަށްލާން ހުކުމްކުރިއިރު ހަތަރުވަނަ މީހާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރިއެވެ. މިމީހުންގެ މައްޗަށް ހުކުމްކުރީ 2002 ވަނަ އަހަރުގެ ޖުލައިމަހު އެވެ. އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން ޑީއޯ ވެބްސައިޓް ފަށައިގެން ކުރިއަށް ގެންދިޔައީ ހުރިހާ ގޮތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

ރައީސް މައުމޫން ވެރިކަމުގެ ޖަލުގެ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތައް ޑީއޯއިން އާންމުކުރަން ފެށިއެވެ. އީވާން ނަސީމަށް ދީފައިހުރި އަނިޔާތަކުގެ ފޮޓޯތަކާއި މާފުށީ ޖަލުގައި ބަޑިޖެހުމުން ޒަޚަމްވި މީހުންގެ ފޮޓޯތައް މުޅި ދުނިޔެއަށް ލީކްކޮށްލިއެވެ. އެހާދިސާއާ ގުޅިގެން ހިންގި ތަހުގީގުގެ ބަޔާންތަކުން ބޮޑުބައި "ގައުމީ ސަލާމަތަށްޓަކައި" ފޮރުވާފައި ހުއްޓައި އެ ބަޔާންތައްވެސް ލީކުކޮށްލިއެވެ. މިކަންކަންވީ ސަރުކާރުގެ އަނިޔާވެރިކަން މުޅިދުނިޔެއަށް އާންމުވެގެންދިޔަ ކަމަށެވެ.

ޑީއޯއަށް ގިނަބަޔަކު ވަންނަން ފެށުމާއެކު، އެ ވެބްސައިޓަށް ވަނުމަކީ ބޮޑު "ކުށަކަށް" ހެދިއެވެ. އެ ވެބްސައިޓަށް އެއްބާރުލުންދޭ ކަމުގެ ތުހުމަތުގައި އެކި މީހުންނަށް އެކިވަރުގެ ފިޔަވަޅުތައް އެޅިއެވެ. އަދި އެ ވެބްސައިޓަށް ރާއްޖޭން ނުވަދެވޭނެ ގޮތަށް ބްލޮކް ކުރިއެވެ. އެހެނަސް ތަފާތު ޔޫއާރުއެލް ތަކުންނާއި މިރަރ ސައިޓްތަކުގެ އެހީގައި އެ ސައިޓަށް ގިނަބަޔަކު ވަންނަމުންދިޔައެވެ.

އެއީ އެދުވަހެވެ. ބިރުވެރިކަމުގެ ބޮޑުކަމާއި ނިޒާމުގެ ހުދުމުޚްތާރުކަމާއެކުވެސް އިސްލާހީ ބަދަލަށް ދިވެހީން ބޭނުންވި މިންވަރު ކުޑައެއް ނުކުރެވުނެވެ. ހިފެހެއްޓުންތެރިކަން ބޮޑުކަމާއި އިންޓަނެޓްގެ ސްލޯކަމާއެކުވެސް ސަރުކާރުން ސިއްރިއްޔާތުގައި ހިންގި އެތައް ކަމެއް އާންމުކުރިއެވެ. މިއީ އޭގެ ވިއްސަކަށް އަހަރު ފަހެވެ. މިއަދަކު ޑީއޯ އެއް ނެތެވެ. މިއަދު އޮތީ އެތައް ވެބްސައިޓެކެވެ. ސޯޝަލްމީޑިއާގެ އެކި މަންސަތަކެވެ. އޭގެތެރެއިންވެސް ޓްވިޓަރ، މިހާރުގެ އެކްސް އަކީ ސިޔާސީ ބަހުސްތައް މެދުކެނޑުމެއްނެތި ހިނގާ ވެބްސައިޓެވެ. އެކި މީހުން އެކި ނަމުގައެވެ. އަސްލު ނަމާއި ފޭކް ނަންނަމުގައިވެސް މެއެވެ. އޭގެ ތެރެއިންވެސް މިހާރު ރާއްޖޭގައި އެންމެ މަޝްހޫރީ "ހަސަން ކުރުސީ" އެވެ.

އެކްސްގެ "ހަސަން ކުރުސީ" އެކައުންޓުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސިއްރު ލިޔެކިޔުންތަކާއި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލަން ފެށުމާއެކު އެ އެކައުންޓް ބޮލޮކް ކުރުމަށް އެތައް މަސައްކަތެއް ސަރުކާރުން ކޮށްފިއެވެ. ބްލޮކްވެސް ކޮށްފިއެވެ. އެކަމަކު އެނބުރި އައީ މާވަރުގަދަކޮށެވެ. އެ އެކައުންޓާ ގުޅުންހުރި ކަމަށް ނުވަތަ އެ އެކައުންޓަށް މައުލޫމާތު ދޭ ކަމަށްބަލައި އެތައް ބަޔަކަށް ފާރަލައިފިއެވެ. އެތައް ބަޔަކާ ސުވާލުކޮށް، ފިޔަވަޅު އަޅައިފިއެވެ. އެހެނަސް "ހަސަން ކުރުސީ" ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.

ޑރ.މުއިއްޒުގެ ސަރުކާރަށް އަހަރެއް ވެގެންދާއިރު އެ ސަރުކާރުގެ ގިނަ ޚިޔާނާތްތަކަކާއި ސިއްރުވެރި ރޭވުންތަކެއް އާންމުކޮށްފިއެވެ. ތިންބާރު ވަކިވެފައިވާ މި ނިޒާމުގައި އެކަންކަމަށް ފާރަވެރިވާނެ މުއައްސަސާތަކެއް ދައުލަތުގައި ހުރިނަމަވެސް، މަޖިލީހުގެ ސުޕަމެޖޯރިޓީގެ ކުރިމަތީގައި އެމުއައްސަސާތައް ތިބީ ހިމޭންވެފައެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ މުއައްސަސާތަކުގެ ދައުރުވެސް އަދާކުރަނީ "ހަސަން ކުރުސީ" އެވެ. އެ އެކައުންޓުން އެވާހަކަތަކާއި ލިޔެކިޔުންތައް އާންމު ނުކުރިނަމަ އަދިވެސް އެކަންކަން ސިއްރިއްޔާތުގައި ހިނގަމުން ދާނެއެވެ.

ކޮމެންޓް