
މިރޭ އަދި އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗަށް އާންމުންނަށް ހިލޭ ވަނުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހުޅުވާލާއިފަ އެވެ.
އެހެންނަމަވެސް ފަލަސްތީނުގެ ފުޓްބޯޅަ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ ކެޓަގަރީއަކުން ރަމްޒީ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ.
އެއީ ޕްލެޓިނަމް ކެޓަގަރީ އާއީ ގޯލްޑް ކެޓަގަރީ އެވެ. ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއް ވިއްކާނީ 1،000ރ. އަށެވެ. ޕްލެޓިނަމް ކެޓަގަރީން ޓިކެޓް ގަންނަ ފަރާތްތަކަށް ހަމަޖައްސާފައި ވަނީ ވީއައިޕީ އާއި ރޮސްޓްރަމް އެވެ. އެ ކެޓަގަރީން ވިއްކާނީ ޖުމްލަ 50 ޓިކެޓެވެ.
ޖުމުލަ 200 ޓިކެޓް ވިއްކާ ގޯލްޑް ކެޓަގަރީއަކީ ރޮސްޓްރަމް ވަށައިގެން އޮންނަ ގޮނޑިބަރި ސަރަހައްދުން މެޗު ބެލުމުގެ ފުރުސަތު ލިބޭ ކެޓަގަރީ އެވެ. އެ ކެޓެގަރީން ޓިކެޓް ވިއްކާނީ 500ރ. އަށެވެ.
"މި މެޗުތަކުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.،" ޓިކެޓް ވިއްކަން ފެށިކަން ހާމަކުރުމުގެ ގޮތުން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން 7507006 އަށް ވައިބާ ނުވަތަ ވަޓްސްއެޕުން މެސެޖް ކުރުމުން ޓިކެޓް ހުރިނަމަ އެކަން އަންގާނެ ކަމަށެވެ. އަދި ބީއެއެމްއެލްގައި ހުޅުވާފައިވާ އެފްއޭއެމްގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމުން ޓިކެޓް ފޯރުކޮށްދޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
ގަލޮޅުދަނޑުގެ އޮލިމްޕަސްފަލީގެ ޓިކެޓް ކައުންޓަރުން މިއަދު 9-12 ޖަހަދެން އަދި 2 ން 6 ޖަހަންދެން ޓިކެޓް ވިއްކާނެކަމަށް އެފްއޭއެމުން ބުންޏެވެ.
ރާއްޖެ އާއި ފަލަސްތީނުގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.




