މުޅި ރާއްޖެއަށް އޭޓީއެމް ހިދުމަތް ދީ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު
ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ދެވުމުގެ ކާމިޔާބީ ފާހަގަކޮށްފި
ޖުނާން އަޙުމަދު 29 އޮކްޓޯބަރ 2025 (ބުދަ)   15:05
ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އިން ފަށާފައިވާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ދީ، ނިންމުމުގެ ކާމިޔާބީ ފާހަގަކޮށްފިއެވެ.

ބީއެމްއެލް އިން މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފައި ވާއިރު އެ ބޭންކުން 20 އަތޮޅުގައި 42 ބްރާންޗާއި 193 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 251 އޭޓީއެމްގެ ހިދުމަތް މިހާރު ދެމުން އާދެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ނުވަ މަސް ދުވަހުގެ ތެރޭގައި 20 އަތޮޅެއްގައި، 105 އޭޓީއެމް ބަހައްޓައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގެ ހިދުމަތް ވަނީ ފުޅާކޮށްފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

އެކަމުގެ ކާމިޔާބީ ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ މުޅި ރާއްޖެއަށް ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ދިނުމަކީ، އޭޓީއެމް ހިދުމަތަށް 25 އަހަރުވީ އިރު ވެސް މީހުން ދިރިއުޅޭ 82 ރަށެއް ފިޔަވައި އިތުރު ރަށްރަށުގައި އެ ހިދުމަތް ނެތުމުން ގިނަ ބަޔަކު ތަކުލީފު އުފުލަމުން ދާތީ ކުރިއަށްގެންދިޔަ މަޝްރޫއެއް ކަމަށެވެ.

އަދި މި މަސައްކަތަކީ ކޮސްޓް އެފިޝެންޓު މޮޑެލްއަކަށް ހިންގި ޕްރޮޖެކްޓެއް ކަމަށާ، މި މަޝްރޫއުގައި އޭޓީއެމް ބެހެއްޓީ، އޭޓީއެމް އަގާ އަޅާބަލާއިރު ތިންބައިކުޅަ އެއްބައި ހަރަދު ކުޑަކޮށް ކަމަށް ވެސް ސީއީއޯ ޝަރީފު ވިދާޅުވި އެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކާމިޔާބީ ފާހަގަކޮށް، އެ މަޝްރޫއުގައި އިސްކޮށް އުޅުނު ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަ ހަނދާނީ ފިލާ ދީފައި ވާއިރު، މި ފިލާ އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒެވެ.

ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމަކީވެސް މި ސަރުކަރުން ހިންގާ ބޮޑު މަޝްރޫއަކަށް ހަދައިގެން، އޭޓީއެމް ބިންގާ އަޅަނީވެސް އަދި ހުޅުވަނީވެސް ބޮޑު ރަސްމިއްޔާތެއް ބާއްވާ މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި އަދި ބައެއް އޭޓިއެމްތައް އިފްތިތާހުކުރުމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެވަޑައިގަންނަވާތީ އާންމުންގެ ގިނަބަޔަކު މީސްމީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުން އައިސްފައި ވެއެވެ.

ރާއްޖޭގެ ރަށްތަކަކީ ވަކިން ހުންނަ ރަށްރަށަށް ވެފައި ކަނޑު ދަތުރުކޮށްގެން ނޫންގޮތަކަށް އެއްރަށުން އަނެއް ރަށަށް ދެވެން ނޯންނައިރު، ކޮންމެ ރަށަކުންވެސް އޭޓީއެމް ޚިދުމަތް ލިބެން ހުރުމަކީ މުހިންމުކަމެކެވެ. އެކަމަށް ޓަކައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފެއްޓެވިއެވެ.

ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ކޮންމެ ރަށެއްގައިވެސް ލިބޭނޭ ގޮތް ހެދުމަށް ބޭންކާ އެކު އެއްބަސްވެގެން މަސައްކަތްތަކެއް ކުރިއަށް ގެންދިޔައެވެ. އާބާދީގެ ތަރުތީބުން ކޮންމެ އަހަރަކުމެ ކޮންމެވެސް ރަށްތަކެއްގައި އޭޓީއެމް ގާއިމްކޮށް ޚިދުމަތް ދެމުންދިޔައެވެ. މާބޮޑު ރަސްމިއްޔާތެއް ނުބާއްވައެވެ.

އެ ވެރިކަން ނިމުނު އިރު 90 އަށްވުރެ ގިނަ ރަށުގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އަމާޒު ކަނޑައަޅައި އެކަމަށް ޚަރަދު ވާނޭ ފައިސާ ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް