ރާއްޖެއިން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗް އައިޖީއެމް ހޮސްޕިޓަލުގެ އިސް ފަރާތްތަކާއެކު.- ފޮޓޯ: އައިޖީއެމްއެޗް
ރާއްޖޭގައި ކިޔެވި ފުރަތަމަ 20 ޑޮކްޓަރުން ޚިދުމަތަށް
މަރްޔަމް މުޙައްމަދު 17 އޮކްޓޯބަރ 2025 (ހުކުރު)   23:07
ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިގެން ގްރެޖުއޭޓުވި 20 ޑޮކްޓަރަކު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހިދުމަތް ދޭން ފަށައިފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވި ދަރިވަރުންގެ ފުރަތަމަ ބެޗް ދަސްވެނިވީ 2024 އޮކްޓޫބަރު 31 ގައެވެ.

އެހެންނަމަވެސް، އެ ދަރިވަރުންނަށް ޚިދުމަތަށް ނުކުމެވެނީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހުގައެވެ. އިންޓާންޝިޕުގައި ޑޮކްޓަރުން ވަނީ ބަލި މީހުންނާއި އެމަޖެންސީ ކޭސްތަކަށް އެޓެންޑުވެފައެވެ.

އެ ޑޮކްޓަރުން އިންޓާންޝިޕް ފުރިހަމަކޮށްފިކަން އައިޖީއެމް ހޮސްޕިޓަލުން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ. އައިޖީއެމްއެޗް އިން ވަނީ އަލަށް ޚިދުމަތަށް ނުކުންނަން ތައްޔާރުވި 20 ޑޮކްޓަރުންނަށް މަރުހަބާ ކިޔާފައެވެ.

މިއީ ސިއްހީ ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެއްކަން އައިޖީއެމްއެޗުން ފާހަގަކޮށް، އެ ހޮސްޕިޓަލުން ބުނީ، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަމޫނާ ދައްކަން އެ ޑޮކްޓަރުން ތައްޔާރަށް ތިބި ކަމަށެވެ.

ގައުމީ ޔުނިވާސިޓީ އިން ޑޮކްޓާ އޮފް މެޑިސިން ޕްރޮގްރާމު ފެށީ މީގެ ހަތް އަހަރު ކުރިން 2018 ވަނަ އަހަރު މެލޭޝިޔާގެ ޔުނިވާސިޓީ ކެބަންގްސާންއާ ގުޅިގެން އެ ޔުނިވާސިޓީގެ ކަރިކިއުލަމަށެވެ.

އެ ކޯހުގައި 22 ދަރިވަރަކު ފުރަތަމަ ބައިވެރިވި އެވެ. ކޯސް ފެށިއިރު، ބައެއް ސިލަބަސްތައް ކުރިއަށް ގެންގޮސްފައި ވަނީ މެލޭޝިޔާގަ އެވެ.

އެ ކޯހުގެ ދަރިވަރުންނަށް ބޭނުންވާ ކްލިނިކަލް ޓްރެއިނިންތައް ކުރިއަށްގެންދަނީ އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުގައެވެ.

މެޑިސިން ކިޔެވުމުގެ ކޯހަކީ ފަސް އަހަރު ދުވަހުގެ ކޯހެކެވެ. އެ ކޯހުގެ ފީއަކީ މަހަކަށް 1000 ޑޮލަރެވެ. ނަމަވެސް، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވައިދެއެވެ.

ކޮމެންޓް