ރައީސް މައުމޫނާއި ރައީސް ޔާމީން.--
ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް، ރިޝްވަތެއް ނުދެން - މައުމޫން
މަރްޔަމް މުޙައްމަދު 16 އޯގަސްޓް 2025 (ހޮނިހިރު)   08:52
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު އަހަރު އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލީ، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ވިދާޅުވެ، ޔާމީން ދެއްކެވީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް މައުމޫންގެ އޮފީހުން ބުނެފި އެވެ.

މިމަހުގެ 14 ވަނަ ދުވަހުގެރޭ "އަދަދު" އޮންލައިނަށް ޔާމީން ދެއްވި އިންޓަވިއުއެއްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، މައުމޫން ޖަލަލަށްލީ، 2018 ފެބްރުއަރީ 1 ގައި އޭރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ. އަދި އެ ކަމުގައި އުޅުއްވީ މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެ ކަމަށް ބޭނުންވާ ފައިސާ ހޯދީ ޔާމީން ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަތުންނެވެ.

އެކަމަކު، މައުމޫންގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މައުމޫން ރިޝްވަތު ދިން ކަމަށް ބުނެ ޔާމީން ދެއްކެވީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެން ނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ. ރައީސް ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ މެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަވާ ވަޑައިގަންނަވަމުންނެވެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ޔާމީން އެ ގޮތަށް ވާހަކަފުޅު ދެއްކެވީ މައުމޫންގެ އޮފީހުގެ ބަޔާނުގައިވާ ގޮތުން މައުމޫންގެ ނަންފުޅު ކިލަނބު ކުރުމުގެ ގޮތުންނެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށް ވެސް ބުންޏެވެ.

މައުމޫން އޮފީހުން ބުނެފައިވާ ގޮތުގައި، 2018 ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނީ މައުމޫނާ އެއްވެސް ވަރަކަށް ގުޅުން ހުރި ކަމެއްގެ އަމުރެއް ނޫން ކަމަށެވެ.

"އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެ ނޫން ވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން އަބްދުލްގައްޔޫމް ދުވަހަކު ވެސް ކުރައްވާފައެއް ނުވާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

ކޮއްކޯފުޅު ޔާމީންގެ ވާހަކަތަކަށް ޖަވާބުދާރީވަމުން މައުމޫންގެ ފަރާތްޕުޅުން ނެރުއްވި ބަޔާނުގައި ބުނީ، ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމަށް ވިޔަސް އަދި އޭގެ ކުރިންނާއި ފަހުން ވިޔަސް ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެ ނޫންވެސް ދައުލަތުގެ ކަމަކާ ހަވާލުވެ ހުންނެވި އެއްވެސް ބޭފުޅަކަށް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައި ނުވާނެ ކަމަށެވެ.

"ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރުވަން ބޭނުންފުޅުވާ ޔަގީން ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފު އެއްވެސް އަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކު ވެސް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީން ކަމެވެ،" މައުމޫންގެ އޮފީހުގެ ބަޔާނުގައި ވެ އެވެ.

ޔާމީންގެ އިންޓަވިޔުގައި ވިދާޅުވިގޮތުގައި، މައުމޫނަށް އޭރު ފުލުހުން ކުރި ތުހުމަތުތަކާ ގުޅިގެން ފޯނާއި ލެޕްޓޮޕް ދެއްވަން އެދުމުން ޖަވާބަކަށް އައީ މޮބައިލް ފޯނު ނުގެންގުޅުއްވާ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލިހުގައި ވިދާޅުވީ އެހެން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ދެން މިކަން ނުވީމާ (މައުމޫންގެ ފޯނު ނުދެއްވީމާ) ޕޮލިސް އެ ހިސާބުން ދިޔައީ އޭގެ އޯޑަރެއް [މައުމޫން ހައްޔަރުކުރަން] ހޯދަން ކޯޓަށް. ގޮސްގެން ކޯޓުގެ ތެރެއިން އެކަންކަން އެ ކުރީ،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ދިފާއުވެވަޑައިގަތުމަށް ވެސް މައުމޫނަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އެކަމަކު އެ ކަން ނުކުރައްވާ ކަމަށެވެ.

"ރައީސް މައުމޫންއަށް ފުރުސަތު ލިބިވަޑައިގެންނެވި ކްރިމިނަލް ކޯޓުގައި ރައީސް މައުމޫންގެ ދިފާއު ބިނާ ކުރައްވަން، ދިފާއުއެއް ބިނާއެއް ނުކުރައްވާ އިނގޭތޯ،" ޔާމީން ވިދާޅުވެފައި ވެއެވެ.

މި މައްސަލަތަކާ ވެސް ގުޅިގެން މައުމޫނާއި ޔާމީންގެ ގުޅުން ވެސް ވަރަށް ބޮޑަށް ގޯސްވެ، 2018 ގެ ރިޔާސީ އިންތިހާބުގައި މައުމޫން ހުންނެވީ އޭރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގަ އެވެ.

ޔާމީންގެ ވެރިކަމުގައި މައުމޫން ހައްޔަރުކުރީ 2018 ފެބްރުއަރީ 5 ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެ މަނިކުފާނުގެ ފޯނު ދެއްވަން ފުލުހުން އެންގުމުން އެކަން ނުކުރެއްވުމުން 1 އަހަރާއި 7 މަހުގެ މުއްދަތަށް މައުމޫން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

އެކަމަކު، 2018 އިގެ ރިޔާސީ އިންތިހާބުން ޔާމީން ބަލިވުމާ އެކު، ޖެހިގެން އައި 2018 ސެޕްޓެމްބަރު 30 ވަނަ ދުވަހު، އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން މައުމޫން މިނިވަންކުރި އެވެ. އެ މަނިކުފާނު އެއްކޮށް މިނިވަންވީ ކްރިމިނަލް ކޯޓުން ކޮށްފައި އޮތް ހުކުމް، 2018 އޮކްޓޫބަރު 18 ގައި ހައި ކޯޓުން ބާތިލް ކުރުމުންނެވެ.

ކޮމެންޓް