މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، މިއަދު އޮޑިޓް އޮފީހުގެ ބެލް އަޅުއްވަނީ - ފޮޓޯ: ފިޔެސް
އޮޑިޓުގެ މަސައްކަތް ލަސްވެ، ޖަވާބެއް ނުލިބޭތީ މާލެ ސިޓީގެ މޭޔަރު އޮޑިޓް އޮފީހަށް
ދައުލަތުން އޮޑިޓަ ޖެނެރަލަށް ބޮޑު ބަޖެޓު ކަނޑައަޅާފައިވާއިރު އެބޭފުޅާ މިހާރަށްވުރެ ޒިންމާދާރުވާން އެބަޖެހޭ: އާދަމް އާޒިމް
މުޙައްމަދު ޤާސިމް 19 ނޮވެމްބަރ 2025 (ބުދަ)   13:05
މާލެ ސިޓީ ކައުންސިލުން އޮޑިޓް އޮފީހަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން ގެންދިޔަ ނަމަވެސް އޮޑިޓުގެ މަސައްކަތްތައް ލަސްވަމުންދާތީ އާއި، ސިޓީތަކަށް ޖަވާބު ވެސް ނުލިބޭތީ އޮޑިޓަރ ޖެނެރަލް އާ ބައްދަލުކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު އޮޑިޓް އޮފީހަށް ވަޑައިގެންފި އެވެ.

މިއަދު އެ އޮފީހަށް ވަޑައިގެން ހުންނަވާ ދެއްވި ބަސްދީގަތުމެއްގައި އާދަމް އާޒިމް ވިދާޅުވީ މާލެސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ ދިހަވަރަކަށް އަހަރު ވެފައި ވާއިރުގައި، އެންމެ ފުރަތަމަ ވެސް އެބޭފުޅާ ސިޓީ ކައުންސިލާ ހަވާލުވުމާ ވިދިގެން އެ ކައުންސިލް އޮޑިޓް ކުރަން ފެށުނު ކަމަށާ، އޭރު އެމަސައްކަތް ފެށުމުން އޮޑިޓްކުރުމުގެ މަސައްކަތަށް ބޭނުންވެގެން މާލެސިޓީ ކައުންސިލުން އެދުނު ވަރަށްވުރެ ވެސް މާ ގިނަ މައުލޫމާތުތައް ހިއްސާކޮށްފައި ވާނެކަމަށެވެ.

އެހެންކަމުން، އޮޑިޓްކުރުމުގެ ކަންކަމަށް ހުރިހާ އެއްބާރުލުމެއް ދެމުން އަންނަ އިރުގައި ވެސް އޮޑިޓްގެ ކަންކަން ލަސްވެ، އަދި ސިޓީ ކައުންސިލުން ފޮނުވަމުންދާ އެއްވެސް ސިޓީއަކަށް ޖަވާބެއް ވެސް ނުލިބުމުން މިއަދު އޮޑިޓަރ ޖެނެރަލްއާ ބައްދަލުކުރަން ވަޑައިގެންނެވީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.

މާލެސިޓީ ކައުންސިލް ހިންގުމުގެ ކަންކަން ކުރިންވެސް ދޯދިޔާވެފައި ހުރި މިންވަރު ރައްޔިތުންނަށް އެބަ އެނގޭކަމަށާ، އެހެންކަމުން ސިޓީ ކައުންސިލާ ހަވާލުވުމަށްފަހު އެންމެފުރަތަމަ ވެސް އެ ކައުންސިލްގެ ކަންކަން ހިނގައި ގޮސްފައިވާ ގޮތުގެ ފުރިހަމަ އޮޑިޓެއް ގެނެސްދެއްވުމަށް އޮޑިޓަރ ގެނެރަލްގެ އަރިހުން އެދިވަޑައިގެންފައި ވާނެ ކަމަށް ވިދާޅުވެ، އާދަމް އާޒިމް ވިދާޅުވީ އޭގެފަހުން މިއަދާ ހަމައަށް ވެސް އެކަމުގައި އެއްވެސް އަލިމަގެއް ފެނިފައި ނުވާކަމަށެވެ.

ދައުލަތުގެ މާލިއްޔާތުން އޮޑިޖަ ޖެނެރަލް އަށް ބޮޑެތި ބަޖެޓު ކަނޑައަޅާފައި ވާއިރު އެބޭފުޅާ މިހާރަށް ވުރެ ޒިންމާދާރުވެ، މާލެސިޓީ ކައުންސިލަކީ ރާއްޖޭގައި ދެވަނައަށް އެންމެބޮޑު އިދާރާ ކަމަށް ވާއިރު، ބޮޑެތި އިދާރާތަކަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވޭނަމަ މިއަދާހަމައަށް މި މައްސަލަ ދިމާނުވާނެ ކަމަށާ، އަދި މިއީ ވަރަށްބޮޑު އިހުމާލެއް ކަމަށް އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

އަދި މިހާރު ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ބައެއް މީޑިއާތަކުން މައުލޫމާތުތައް ފަތުރަމުންދާކަން ފާހަގަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، މީޑިއާ ތަކުންނާއި އެހެންވެސް ތަންތަނުން ޒިންމާދާރު ކުރުވަން ޖެހޭނީ އެކަމަކާ ގުޅުންހުރި މުއައްސަސާތައް ނުވަތަ އިދާރާތައް ކަމަށާ، އޮޑިޓުކުރުމުގެ ކަންކަމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކަށް ވާއިރު، އެ ޒިންމާ އެ އޮފީހަށް އަދާނުކުރެވުމުން، މާލެސިޓީ ކައުންސިލުން މިހާރު މިވަނީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކެނޑިނޭޅި ކުރަންޖެހިފައި ކަމަށެވެ.

އޮޑިޓްކުރުމަކީ، އިދާރާތަކުގެ ހިންގުމުގެ ސިޔާސަތުތައް ހަރުދަނާކޮށް، ޓްރާންސްޕޭރަންޓު ވެގެންދާނެ ސަބަބެއް ކަމަށް ވާއިރު މާލެސިޓީގެ ހިންގުން މިހާރަށްވުރެ ވެސް ހަރުދަނާ ކުރައްވަން ބޭނުންފުޅުވެލައްވާތީ ވީހާވެސް އަވަހަކަށް އެ އިދާރާ އޮޑިޓްކުރުމުގެ ކަންކަން ނިންމެވުމަށް އޮޑިޓަރ ގެނެރަލް އަށް ގޮވާލައްވާ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް