އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގަތުން.-- ފޮޓޯ: ފޮރިން މިނިސްޓްރީ
ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
މަރްޔަމް މުޙައްމަދު 9 ނޮވެމްބަރ 2025 (އާދީއްތަ)   14:00
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގަތީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް އެވެ. ފޮރިން މިނިސްޓްރީން ބުނެފައި ވާގޮތުގައި އޭނާ ވަޑައިގަތީ ރަސްމީ ދަތުރެއްގައެވެ. އެހެންނަމަވެސް އެ ދަތުރުގެ ތަފްސީލެއް ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގަތީ، އިންޑިއާގެ ލޯނު އެހީގައި ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިޔަން ޑޮލަރު (ދެ ބިލިޔަން ރުފިޔާ) ހަރަދުކުރެ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް