
އެމްޑީޕީގެ ސަރުކާރުން، ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރުގައި ތަރައްގީކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރޭ ހުޅުވުމާ ގުޅިގެން، އެ މަޝްރޫއު ފެށިއިރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއާޕޯޓަކީ ލާމަރުކަޒީ ތަރައްގީގެ ކާމިޔާބު މަޝްރޫއުއެއް ކަމަށެވެ.
މިއީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އިގުތިސާދީ މިނިވަންކަން ލިބި، ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ޝުކުރު ހައްގުވަނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި އިކޮނޮމިކް މިނިސްޓްރީ މުވައްޒަފުންނަށް ކަމަށް ފައްޔާޒު ފާހަގަ ކުރެއްވިއެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ކުރިއަށް ގެންދިޔަ މަޝްރޫއު އަކަށް ވުމާއެކު، އިންޑިއާ ސަރުކާރަށް ވެސް ފައްޔާޒު ޝުކުރު އަދާކުރެއްވިއެވެ.
ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާގެ ލޯނު އެހީގައެވެ. އެ މަސައްކަތް އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ ހަވާލުކުރީ 2022 ސެޕްޓެމްބަރު ގައެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިޔަން ޑޮލަރު (ދެ ބިލިޔަން ރުފިޔާ) ހަރަދުކުރެ އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޑީޕީ ސަރުކާރުން ފެށި ދުވަސްވަރު އެ އެއާޕޯޓް އިންޑިއާއަށް ވިއްކާލީ ކަމަށާއި އެ އާޕޯޓްގައި މިލިޓަރީ ބޭސްއެއް ތަރައްގީ ކުރަނީ ކަމުގެ ވާހަކަތައްވެސް އޭރުގެ އިދިކޮޅުފަރާތްތަކުން ފެތުރިއެވެ. އެވާހަކަ ދެއްކެވި ބައެއް ބޭފުޅުން މިއަދު ތިއްބެވީ ސަރުކާރު ހިންގެވުމުގައި އެންމެ އިސްކޮށެވެ. ރޭ ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް އެބޭފުޅުން ތިއްބެވީ އެންމެ ކުރީސަފުގައެވެ.




