ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވައި ހަވާއަރުވަނީ.-- ފޮޓޯ: އެމްއޭސީއެލް
އެމްޑީޕީ ސަރުކާރުން ތަރައްގީކުރަންފެށި ހަނިމާދޫ އެއާޕޯޓް ހުޅުވައިފި
މަރްޔަމް މުޙައްމަދު 10 ނޮވެމްބަރ 2025 (ހޯމަ)   07:42
ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީގެ ސަރުކާރުން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވައިފި އެވެ.

ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުއްވައި ދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު އެވެ.

އެއާޕޯޓް ހުޅުވުމުގެ ކުރިން މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް އެއާޕޯޓަށް ޖެއްސި އެވެ. މިއީ އެ މަރުކާގެ ބޯޓެއް ހަނިމާދޫއަށް ޖެއްސި ފުރަތަމަ ފަހަރެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެކެވެ.  

އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ހަނިމާދޫ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ހަވާ އަރުވައި ކުލަގަދަ ރަސްމިއްޔާތަކުން ހަނިމާދޫ އެއާޕޯޓް ހުޅުވިނަމަވެސް އެ އެއާޕޯޓްގެ ބައެއް މަސައްކަތްތައް އަދިވެސް ނުނިމެއެވެ. އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފައިވާއިރު، އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.

your imageރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ހާއްސަ މަންދޫބު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުއްވައިދެއްވަނީ.-- ފޮޓޯ: އެމްއޭސީއެލް 

ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި 1986 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2012 ފެބްރުއަރީ ގައެވެ. އަދި ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާގެ ލޯނު އެހީގައެވެ. އެ މަސައްކަތް އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ ހަވާލުކުރީ 2022 ސެޕްޓެމްބަރު ގައެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިޔަން ޑޮލަރު (ދެ ބިލިޔަން ރުފިޔާ) ހަރަދުކުރެ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޑީޕީ ސަރުކާރުން ފެށި ދުވަސްވަރު އެ އެއާޕޯޓް އިންޑިއާއަށް ވިއްކާލީ ކަމަށާއި އެ އާޕޯޓްގައި މިލިޓަރީ ބޭސްއެއް ތަރައްގީ ކުރަނީ ކަމުގެ ވާހަކަތައްވެސް އޭރުގެ އިދިކޮޅުފަރާތްތަކުން ފެތުރިއެވެ. އެވާހަކަ ދެއްކެވި ބައެއް ބޭފުޅުން މިއަދު ތިއްބެވީ ސަރުކާރު ހިންގެވުމުގައި އެންމެ އިސްކޮށެވެ.

ކޮމެންޓް