
ފާއިތުވި އެމްޑީޕީ ސަރުކާރުން ފެށި، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއަށް ބޭނުންވާ އެހީ ހޯއްދެވުމަށާ، އެކަމާ ގުޅުންހުރި ކަންކަމުގައި އިންޑިއާ ސަރުކާރާއިއެކު އޭރު މަޝްވަރާކުރެއްވި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު އާއި އެބޭފުޅާގެ އެކުވެރިން އިދިކޮޅުގައި ތިއްބެވިއިރު ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއަކީ އިންޑިޔާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫއެއް ކަމަށް ސިފަކުރެއްވިކަމަށާ، އެ މަޝްރޫއުގައި މަސައްކަތްކުރި މަސައްކަތްތެރިންނަކީ ވެސް އިންޑިއާ ސިފައިން ކަމަށް ބުނެ އޭރު އެބޭފުޅުން ދޮގު ތުހުމަތުތައް ކުރައްވާފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދެވުނު ކޮންމެ މަޝްރޫއަކީ އިންޑިޔާއާ ދެކޮޅަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ސިޔާސީކުރެވުނު މަޝްރޫއުއަކަށް މިއަދު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހެދިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަކީ ބައިނަލްއަގުވާމީ އެއްބާރުލުން ސިޔާސީ ހަތިޔާރަކަށް ބަދަލުކުރައްވައި، ރައީސް މުއިއްޒު އެމަނިކުފާނުގެ ކެމްޕޭނުގައި އޭރު މަލާމާތްކޮށްފައިވާ އެއަރޕޯޓެއް ކަމަށާ، އެތަން ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން އެމަޝްރޫއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި ކަމަށެވެ.
ރައީސް މުއިއްޒުއާއި އެބޭފުޅުންގެ އެކުވެރިން އިދިކޮޅުގައި ތިއްބެވިއިރު ގައުމިއްޔަތާއި ގުޅުވައި ނުރައްކާތެރި ދޮގު ވާހަކަތައް ފެތުރިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫއަކީ ވެސް އިންޑިޔާ ސިފައިންގެ ބޭނުމަށް ހިންގޭ މަޝްރޫއެއް ކަމަށް އެބޭފުޅުން އޭރު ސިފަކުރެއްވި ކަމަށާ، އެ މަޝްރޫއުގައި މަސައްކަތްކުރި މަސައްކަތްތެރިންނަކީ ވެސް އިންޑިއާ ސިފައިން ކަމަށް ބުނެ ދޮގު ތުހުމަތުތައް އެބޭފުޅުން ކުރެއްވި ކަމަށެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމަށް އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، ސަރުކާރުން ރޭ އެ އެއާޕޯޓު ހުޅުވުމާއި ގުޅިގެން ޢަބްދުﷲ ޝާހިދު ޝުކުރު އަދާކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށާއި އިންޑިއާ ސަރުކާރަށެވެ.
އެއަރޕޯޓް ހުޅުވުމަކީ ރައީސް ސޯލިހްގެ ވެރިކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށުނު މުހިންމު މަޝްރޫއެއްގެ ފުރިހަމަވުން ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ، މި މުހިންމު މަޝްރޫއު ފެއްޓެވުމަށް އިސްނެންގެވި ކަމަށްޓަކައި ރައީސް ސޯލިހަށާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ޝުކުރު ދަންނަވާކަމަށެވެ.
ހަނިމާދޫ އެއާޕޯޓު ރޭ ރަސްމީކޮށް އިފްތިތާހު ކުރުމާ ގުޅިގެން، ހަނިމާދޫ އާއި ބޮޑު ތިލަދުންމަތީ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ހެނދުނު އެކްސްގައި ވިދާޅުވެފައި ވަނީ، އެ އެއާޕޯޓަކީ އެ ސަރަހައްދުގެ ހަލުވި އިގްތިސާދީ ތަރައްގީއަށް ބަދަލު އަންނާނެ ކަމެއްކަން ސާބިތުވެގެންދާނެ ކަމަށާ، އެ އެއާޕޯޓާއެކު ހަނިމާދޫގެ ފުޅާ އިގްތިސޯދު ހާއްސަކޮށް ފަތުރުވެރިކަން ފުޅާކޮށް، އާ ވިޔަފާރިތައް އެ ސަރަހައްދުގައި ފަށައިގަނެވި ފުޅާކުރުމުގެެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެމްޑީޕީން ރޭ ބުނެފައި ވަނީ، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އުތުރު ސަރަހައްދުގެ އިގްތިސާދަށް ގެނެވޭ އިންގިލާބެއްގެ ފެށުމަކަށް ވާނެ ކަމަށާ، އިންޑިއާ ސަރުކާރުގެ އެއްބާރުލުމެއް ނެތި އެ މަޝްރޫއަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.




