
ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް 250 ޑޮލަރު ބޭނުން ކުރެވޭގޮތަށް ހަމަޖެއްސީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ނަމަވެސް، އެ އަދަދު މިިދިޔަ ޖުލަ މަހުން ފެށިގެން މަހަކު 500 ޑޮލަރަށް ބޮޑުކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.
ބީއެމްއެލް އިން ބުނީ، ރާއްޖޭގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަން ކަމަށްވާ، އެމްޑީއާރު (މާޗަންޓް ޑިސްކައުންޓް ރޭޓް) 1% އަށް ކުޑަކޮށްފި ކަމަށާ، މިއީ އެ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލު ކަމަށެވެ.
މިއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް ބީއެމްއެލްއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ފާހަގަކޮށް އެ ބޭންކުން ބުނީ، ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޚިދުމަތް 2000 ވަނަ އަހަރު ތައާރަފުކުރި ފަހުން މިހާތަނަށްވެސް އެ ބޭންކުން އެމްޑީއާރު ރޭޓް ދެމެހެއްޓިފައި އޮތީ %2.5 ގެ ސްޓޭންޑަރޑް ރޭޓެއްގައި ކަމަށެވެ.
އަދި މިއީ މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރު ކަން ފާހަގަކޮށް ބީއެމްއެލް އިން ބުނެފައި ވަނީ، މިއީ މިހާރު ބީއެމްއެލްގެ ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ މުހިންމު ބަދަލެއް ކަމަށެވެ.
"ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮވޭ. އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ %1 އަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން" ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތައާރަފުކޮށްފައި ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
އެގޮތުން ރަހުނަކާ ނުލައި ދޫކުރާ އެ އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، 2 މިލިއަން ރުފިޔާއާ ހަމައަށް އަވަސްގޮތެއްގައި ފައިސާ ލިބޭނެ ކަމަށާ، އެ ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
އަލަށް ގެނައި ބަދަލާއެކު، ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރުވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައި ކަމަށާ، ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.




