
އެމްޑީޕީގެ ފަރާތުން އެ ޕާޓީ ގެ ލީގަލް ޑިރެކްޓަރ އަޙުމަދު މައުރޫފު ސޮއިކުރައްވާ، ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕަރސަން އަޙުމަދު ޢަލީ ޙަބީބަށް އެޑްރެސް ކުރައްވައި، މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ، ބިޑަކާނުލާ ބޭނުން ބަޔަކާ ހަވާލުކުރަމުންދާ ގިނަ ޕްރޮޖެކްޓު ތައް ފަދަ ގަވާއިދާ ހިލާފު އެތައް ކަންތައްތަކެއް މި ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރެވިފައިވަނިކޮށް، އެއްވެސް ސެކިއުރިޓީއަކާ ނުލައި، ކުންފުނިތަކަށް ފައިނޭންސް ދޫކުރުމަކީ ބޭންކުތަކުން ޢަމަލުކުރަންޖެހޭ ގާނޫނާއި، ބީއެމްއެލް ގެ ކޯޕަރޭޓް ފައިނޭންސިންގ އުސޫލުތަކާއި އަދި ބޭންކު ތަކުން އަމަލު ކުރަންޖެހޭ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފުކަމެއް ކަމަށެވެ.
އަދި މިއީ، ދިވެހިރައްޔިތުންގެ ފައިސާ ރައްކާކުރާ އެންމެ ބޮޑު ބޭންކުން ޢަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ވާއިރު، މިފަދަ ޣައިރު ގާނޫނީ މުއާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިނުވުމަށް ނަސޭހަތްތެރިވެ، އެކަންކަން ހުއްޓައިލުމަށް އެދި އެ ސިޓީގައި ބުނެފައި ވަނީ، ދެން އުފެދޭ ސަރުކާރުގައި، މި މައްސަލަތައް އަވަހަށް ބަލައި، މި ކަންކަމުގައި ޝާމިލުވާ އެންމެނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެހެންކަމުން ޣައިރުޤާނޫނީ މުއާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލުމަށާއި، 206 ޕްރޮޖެކްޓެއް ފައިނޭންސިންގ ހަމަޖެއްސުމުގެ މައްސަލައިގައި އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި އެ މައްސަލަ ބަލާނެކަމަށް ވިދާޅުވެ މައުރޫފްގެ ސިޓީގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ގައި ބަޔާންކުރާ މައިގަނޑު އުސޫލަކީ، ހަމަހަމަކަމާއި، އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ކުރިއަށްގެންދެވޭ ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތާއި ތަކެތި ދައުލަތަށް ހޯދުން ކަމަށާ، އަދި އެ ގާނޫނުގައި ބާރު ދީފައިނުވާކަމެއް، ސަރުކާރުގެ ވުޒާރާއަކުން ގަވާއިދެއް ހަދައިގެން ނުކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް، ސަރުކާރުން ނިޒާމީ ގޮތެއްގައި ކޮރަޕްޝަން ހިންގުމަށް ޖާގަ ހޯދުމުގެ ގޮތުން، އިއުލާންކުރުމެއްނެތި އަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާ ނުލައި، ސަރުކާރުން ބޭނުން ފަރާތަކަށް ޕްރޮޖެޓްތައް ހަވާލުކުރެވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މި ވަނީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާ، އެ ބަދަލުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ސަރުކާރުން ގެނައި ބަދަލުތަކެއް ކަމަށް މައުރޫފްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތައް ބީލަމަށް ނުލައި، ހާމަކަމެއް، ވާދަ ކުރުމުގެ ފުރުސަތެއް ނެތި، ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި ދެވޭނެ ގޮތަށް ގަވާއިދު ބަދަލުކުރުމަށްފަހު، 53 ކުންފުންޏަކާ 206 ޕްރޮޖެކްޓް ހަވާލުކުރުމަށް، މި މަހުގެ 6 ވަނަ ދުވަހު އެގްރީމަންޓް ތަކެއްގައި ސޮއިކޮށް، އެ ޕްރޮޖެކްޓްތަކަށް ފައިނޭންސް ހަމަޖައްސާނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވިދާޅުވެ މައުރޫފްގެ ސިޓީގައި ވިދާޅުވެފައި ވަނީ، ބީއެމްއެލް އިން ފައިނޭންސް ހަމަޖައްސާނެކަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް، އެ ޕްރޮޖެކްޓްތައް ހަވާލުކުރެވުނު ކުންފުނިތަކާއި، އަދި އެކަން ކުރުމަށް ރާވައިފައި އޮތްގޮތަށް ބެލުމުން، ބޭންކުގެ އުސޫލުތަކާ އެއްގޮތަށް އެކަން ނުކުރެވޭނެކަމަށެވެ.
އެގޮތުން، ފުރަތަމަ ކަމަކީ، ބޭންކުން ފައިނޭންސް ހަމަޖައްސާނެ ޕްރޮޖެކްޓްތަކާއި ކުންފުނިތައް ކަނޑައަޅާނީ، ބޭންކުގެ އުސޫލުތަކާއި އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ބޭންކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަން ކުރެވިދާނެކަމަށް އަދި ބޭންކަށް އެންމެ ރަނގަޅުކަމެއްކަމަށް ނިންމުމަށްފަހު ކަމަށާ، އަދި 206 ޕްރޮޖެކްޓްތަކުގެ އަގުތަކާއި އެ ޕްރޮޖެކްޓްތައް ހަވާލުކުރާނެ ފަރާތްތަށް ސަރުކާރުން ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް ފައިސާ ދޫކުރުން ބޭންކަށް ލާޒިމުވާގޮތަށް ސަރުކާރުން ނިންމައިފައިވީ ނަމަވެސް، އެއީ ބޭންކުގެ މައްޗަށް ލާޒިމުކަމެއް ނޫން ކަމަށް ވެސް މައުރޫފްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ދެވަނަ ކަމަކީ، މީގެ ކުރިން ކޮންސްޓްރަކްޝަންގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކުންފުނިތަކަށް ބޮޑެތި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވުން ކަން ފާހަގަކުރައްވާ، ޕްރޮޖެކްޓްތައް ހަވާލުކުރި ކުންފުނިތައް ކަނޑައަޅައިފައިވަނީ ވެސް ފަންނީ ގާބިލުކަމަށް އަދި ތަޖުރިބާއަށް ބެލުމެއްނެތި ކަމަށާއި، މިއީ މި ޕްރްޖެކްޓްތަކުގެ މަސައްކަތް ކާމިޔާބުކަމާއެކު އެ ކުންފުނިތަކަށް ނިންމިދާނެތޯ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް މައުރޫފްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެހެންކަމުން އެ ކުންފުނިތަކަށް ބޭންކުން ފައިނޭންސް ދޫކޮށްފިނަމަ، އެ ކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ބޭންކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަން ފާހަގަކުރައްވާ މައުރޫފްގެ ސިޓީގައި ވިދާޅުވެފައި ވަނީ، އާއްމުކޮށް ސަރުކާރުގެ މި ފަދަ ޕްރޮޖެކްޓްތަކުގައި ޢަމަލުކުރާ އުސޫލާ ހިލާފަށް، ޕްރޮޖެކްޓްތައް ހަވާލުކުރުމަށް އެގްރީމަންޓް ތަކުގައި ސޮއިކުރި އިރު، ކޮންޓްރެކްޓަރުންގެ ފަރާތުން އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމުކޮށްފައި ނުވާތީ، ބޭންކް ގެރެންޓީ ނުވަތަ ޕަރފޮމަންސް ގެރެންޓީ ނުވަތަ އިންޝުއަރަންސް ގެރެންޓީއެއް ބަހައްޓައިފައި ވެސް ނުވާ ކަމަށެވެ.
އެހެންކަމުން، އެޑްވާންސް ފައިސާ ދޫކުރާ ފަހުން މަސައްކަތް ނުކުރި ނަމަވެސް، އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި، އެއްވެސް ގެރެންޓީއެއް ބެހެއްޓުމަކައި ނުލައި، މި ކުންފުނިތަކަށް ފައިނޭންސް ދޫކުރުމަކީ، ބޭންކުގައި ހުރި ފައިސާ، ސީދާ %100 ރިސްކު ހިމެނޭ މުއާމަލާތަކަށް ދޫކޮށްލުންކަމުގައިވާތީ، އެކަން ވެގެންދާނީ ބޭންކުން އުސޫލުތަކާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް ވެސް މައުރޫފްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.




