
މޮރޮކޯގެ ވެރިރަށް ރަބަތް ގައި ބޭއްވި ސީއޭއެފް (ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް) ގެ އެވޯޑް ގައި އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުން ތެރިއަކަށް، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ހަކީމީ ހޮވިފައިވާއިރު، އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް މޮރޮކޯގެ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ގިޒަލާން ޗެބަކްއެވެ.
ނިމިގެންދިޔަ ފުޓްބޯޅަ ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ހޯދައިދިނުމުގެ އިތުރުން ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ހަކީމީ ވަނީ، މީގެ ކުރިން 2023 އަދި 2024 ވަނަ އަހަރުގެ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ވާދަކޮށްފައެވެ.
މި މަގާމަށް މީގެ ކުރިން ދެ އަހަރެއްގެ މަތިން ވާދަކުރި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަޝްރަފް ހަކީމީ ވެފައިވަނީ 1998 ވަނަ އަހަރު މޮރޮކޯގެ މުސްތަފާ ހާޖީ އަށް ފަހު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެ ގައުމުގެ ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައެވެ.
ހަކީމީ އާއިއެކު ދެން މި މަގާމަށް ވާދަކޮށްފައިވަނީ ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑު މުހައްމަދު ސަލާހު އާއި ނައިޖީރިއާގެ ފޯވާޑު ވިކްޓަރ އޮސިމްހޭންއެވެ.




