
މި މުބާރާތް ހޯސްޓް ކޮށްފައިވާ ރަށް ކަމުގައިވާ ތޮއްޑޫން ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި އުކުޅަހާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ. އުކުޅަހާއި ރަސްދޫވެސް ބަލިކޮށްފައި ތޮއްޑޫ ފައިނަލަށް ގޮސްފައި ވާއިރު، އުކުޅަސް ފައިނަލަށް ދިޔައީ ރަސްދޫ ބަލިކޮށްގެންނެވެ.
މެޗުގެ ކުރީކޮޅުގައި ތޮއްޑޫން ލީޑު ނަގައިފައި ވާއިރު، ތޮއްޑޫގެ ފުރަތަމަ ގޯލް، މެޗުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ އަޙުމަދު ޝަމީމެވެ. އޭގެ ހަމަ ކުޑައިރުކޮޅެއް ފަހުން، އުކުޅަހުން ނަތީޖާ އެއްވަރުކުރި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ މުހައްމަދު ސިރުހާން އެވެ.
އަދި އެ މެޗުގެ 71 ވަނަ މިނެޓުގައި ތޮއްޑޫން އަލުން ލީޑު ނަގާފައި ވާއިރު، އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިބްރާހީމް އުސާމަތު އެވެ. އަދި އެ ގޯލުން ތޮއްޑޫ ލީޑު ނަގައިފައި ވަނިކޮށް (2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށް، ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލް ޖަހައިދިން މަޝްހޫރު ކުޅުންތެރިޔާ) މުހުތާރު ނަސީރު "ޓޫކިލޯ" އެ މެޗްގެ 88 ވަނަ މިނެޓުގައި ގޯލް ޖަހައިދިނެވެ.
އެއާ އެކުގައި އއ. އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫ ހޯދުމުން އިއްޔެގެ ފައިނަލް މެޗުގެ ސަޕޯޓަރުންގެ މެދުގައި އަރައިރުންތަކެއްވެ، މައްސަލަ ހޫނުވުމުން ދަނޑުބޭރުގައި މާރާމާރީ ހިންގާފައި ވެއެވެ. އަދި މައްސަލަ ހައްލުކުރުމަށް ފުލުހުން ވެސް އެސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.
ރީޖަނަލް ލީގުތަކުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް އެރޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން، ރާއްޖެ 4 ރީޖަނަކަށް ބަހާލައިގެން އަތޮޅު މުބާރާތްތައް ފަށާފައިވާ އިރު، އއ. އަތޮޅު މުބާރާތަކީ ސެންޓްރަލް ރީޖަންގެ 3 ވަނަ ޑިވިޝަން މުބާރާތެވެ. އެ މުބާރާތުން އަތޮޅު ފައިނަލުގައި ވާދަކުރާ ދެޓީމު ޒޯން މުބާރާތަށް ވެސް ދާނެއެވެ.




