އިއްޔެ ހަވީރު ތައިލެންޑާއި ރާއްޖެ ކުުޅުނު މެޗުގެ ތެރެއިން - ފޮޓޯ: ޓީއެންއެފް
ތައިލެންޑް އަތުން ރާއްޖޭގެ ޒުވާން ފުޓުބޯޅަޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެ
ޖުނާން އަޙުމަދު 27 ނޮވެމްބަރ 2025 (ބުރާސްފަތި)   09:51
އަންޑަ ސެވެންޓީން އޭޝިއަން ކަޕް ކޮލިފައިންގައި، އިއްޔެ ހަވީރު ކުޅުނު މެޗުން ތައިލެންޑާ ދެކޮޅަށް ކުޅެ 7-1 ގެ ބޮޑު ތަފާތަކުން ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު ބަލިވެއްޖެއެވެ.

ތައިލެންޑްގެ ޗޮންބުރި ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެސް ތައިލެންޑުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބު ކޮށްދިނީ ތައިލެންޑު ޓީމުގެ ސޫތީޕޮންގެވެ.

2 ވަނަ ލަނޑު ތައިލެންޑުގެ ޕަސޫތާ އޭގެ ހަތް މިނެޓު ފަހުން ޖެހުމުން އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރުވިއެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ތައިލެންޑުގެ އަޝިރަވަޓް ކާމިޔާބު ކުރި ލަނޑާއެކީ 3-0 އިން ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފުގެ 53 އަދި 56 ވަނަ މިނެޓުގައި ތައިލެންޑުގެ ޕަކޯން އަދި އަޝިރަވަޓް ވަނީ އިތުރު ދެ ލަނޑު ޖަހައި، އެ ޓީމުގެ ލީޑު ފަސް ލަނޑަށް ހެދިއެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ރާއްޖެއިން ލަނޑެއް ޖެހި ނަމަވެސް، މެޗުގެ 82 ވަނަ މިނެޓާއި 89 ވަނަ މިނެޓުގައި ތައިލެންޑުން އިތުރު ދެ ލަނޑު ޖަހާ 7-1 އިން ރާއްޖެ މައްޗަށް ކުރި ހޯދިއެވެ.

ކުޅުނު ހުރިހާ މެޗަކުން ބަލިވެ ގްރޫޕުގެ އެންމެ ފަހަތުގައި ރާއްޖެ މިހާރު އޮތް އިރު، ތައިލެންޑު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

ކޮމެންޓް