
ފުލުހުން ބުނީ، "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މިއަދު ފެށި މި އޮޕަރޭޝަނަކީ މި ފަހުގެ ތާރީހެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ.
އެ އޮޕަރޭޝަން މިއަދު ފަތިހު 5:30 އިން ފެށިގެން ފަށާފައިވާ ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނެއްގައި މިއަދު ބުނެފައިވަނީ، އެ އޮޕަރޭޝަން ކުރިއަށްގެންދަނީ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކަމަށެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން މިހާތަނަށް 90 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ޕޯސްޓާއެކުގައި ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ، މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ވިއްކުމަށް ބޭނުންކުރާ އާލާތްތަކާއި، ގިނަ އަދަދެއްގެ ފައިސާތަކެއް ވެސް ހޯދާފައެވެ.
ނަމަވެސް 90 މީހުން ހައްޔަރުކުރީ ކޮންތަނަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުއިއްޒު ވެސް ވަނީ އެކްސްގައި މިއަދު ޕޯސްޓު ކުރައްވާފައެވެ. އެ ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވީީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާ، އެެގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
"އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ" ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އެކްސްގައި ވިދާޅުވިއެވެ.




