އައްޑޫން ހައްޔަރު ކުރި މީހުން.--
އައްޑޫން ހައްޔަރުކުރި ޑްރަގް ނެޓްވޯކް މީހުންގެ ވަނަވަރު އާންމުކޮށްފި
ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވޭ
ހަސަން އިބްރާހީމް 5 ޑިސެމްބަރ 2025 (ހުކުރު)   10:03
އައްޑޫއިން ހައްޔަރުކުރި ޑްރަގު ނެޓްވޯގައި ހިމެނޭ އިސް މީހުންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފި އެވެ.

ފުލުހުން ރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ ފަސް މީހެއް ކަމަށެވެ. އެއީ؛

  1. އަލީ ނަދީމް 30، ސ.ހިތަދޫ، ކޮންމުލި
  2. ހާފިޡު ފައުޒީ 31، ސ.ހިތަދޫ، ފަލާޙް
  3. އިބްރާހީމް ސިރާޖު، ސ.ހިތަދޫ، ވެޔޮފެހެބުރުގެ، 43
  4. ހަސަން ޢަލްފާފް، 28، ސ.ހިތަދޫ، ދޮރުފޮތިމާގެ
  5. އަމީން މުހައްމަދު، 23، ސ.ހިތަދޫ، ކެކުރިމާގެ

މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފަށާފައި ވަނީ މި އަހަރު މާޗް މަހުން ފެށިގެން ކަމަށާއި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިޔަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށާއި އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ބަންދުކުރަން ކޯޓުން އަމުރު ދިނީ 5 ދުވަހުގެ މުއްދަތަށް ކަމަށް ވެސް ފުލުހުން ބުންޏެވެ

ފުލުހުން ބުނި ގޮތުގައި އައްޑޫގެ ޑްރަގް ބޮޑުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިދިޔަ މަހު ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުންނެވެ.

އެ އޮޕަރޭޝަން ބޮޑަށް އަމާޒު ކޮށްފައި ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރީގައި އެންމެ އިސްކޮށް އުޅޭ މީހުންނަށެވެ.

ކޮމެންޓް