
ޑްރަގް އެތެރެކުރާ މީހުނަށް މަރުގެ އަބަދު ދެވޭ ގޮތަށް، މަސްތުވަތަކެއްޗާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަސްތުވަތަކެއްޗާބެހޭ ގާނޫނަށް ކޮމެޓީ މަރުހަލާފައި ގެނައި ބަދަލުތަކާއެކު އެ ބިލު ފާސްކުރުމަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން، ބިލް ފާސްކުރުމަށް ފެންނަކަމަށް 65 މެންބަރަކު ވޯޓު ދެއްވިއެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
އެ ބިލުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅިދާނެއެވެ. އެ އަދަބު ކަނޑައެޅޭނީ ސްޕްރީމް ކޯޓުގެ ފަޑިޔާރުންގެ ބެންޗުގައި ތިއްބާވާ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހަކަށް އެ އަދަބު ކަނޑައެޅޭނެ ތިން ހާލަތެއް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އެއީ 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުމާއި އެތެރެކޮށްފައިވަނީ 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުމާއި ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން ކަމަށް ބިލުގައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ބިލު މަޖިލީހަށް ހުށަހެޅީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ. ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވުމުގެ ބޭނުމަކަށް ވިދާޅުވެފައިވަނީ ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އާއި މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށާއި މަސްތުވާތަކެއްވަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ ހެޔޮގޮތުގައި މުޖްތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށް ޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އިސްލާހުކޮށް އެ ނިޒާރު އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.
އެ ބިލުން ހާސިލްކުރުމަށް ބޭނުންވާ ހަތް ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލުކުރެވޭނެ ނިޒާމެއް ތައާރަފްކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ޑްރަގް ކޯޓު ހިންގުމުގެ އުސޫކުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖާކުރުމެވެ.
އޭގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމާއި ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާ ކުރުމާއި އެ ނޫން ވެސް ގާނޫނު ތަންފީޒު ކުރުން އިތުރަށް ހަރުދަނާކުރުމަށް ޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.




