
އެ އޮފީހުން އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ ސަނީގެ ބަންދަށް 30 ދުވަސް ޖެހި ނަމަވެސް ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އަދި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓަށް ހުށަހަޅަން ގަސްތުކުރާ ކަމަށެވެ.
"ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުން އެދި މިއަދު (3 ޑިސެންބަރު 2025) ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 (ތިރީސް) ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވެއެވެ." ޕީޖީ އޮފީހުން ބުނެއެވެ.
ސަނީ އުމަރަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ އެއް ހިއްސާދާރެވެ. ނަމަވެސް ޖިންގީ ގޯނާގެ މައްސަލަ ފެންމަތިވުމާއިއެކު އޭނާޣެ ހިއްސާ އަތުލަން ނިންމާފައިވާކަން އެކުންފުނީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.
ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ފުލުހުން ހާމަކުރީ ހޮނިހިރު ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށި އިރު ސަނީ އުމަރު ހުރީ ރާއްޖެއިން ބޭރުގައި އެވެ. ނަމަވެސް ހޯމަ ދުވަހު ހަވީރު އޭނާ ރާއްޖެ އައުމާއިއެކު ފުލުހުން ވަނީ އޭނާގެ ބަޔާން ނެގުމަށް އެއާޕޯޓުން ފުލުހުންގެ ހިމާޔަތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އުނިޓަށް ހާޒިރުކޮށްފައެވެ.
އަދި އެއަށްފަހު ސަނީ އުމަރު ދިރިއުޅޭ ގެއަށް ފުލުހުން އޭނާ ގެންގޮސްދިން ނަމަވެސް އެރޭ ސަނީ އުމަރު ރާއްޖެއިން ފިލައިގެން ދިޔުމަށް މަސައްކަތްކުރަނިކޮށް ފުލުހުން އޭނާ ރާއްޖެއިން ބޭރަށް ފުރަންއުޅުނު ފްލައިޓަށް އަރައި އޭނާ ހައްޔަރުކުރިއެވެ. އޭރު ސަނީ އުމަރު ހުރީ ސިފަ އޮޅުވާލަން މަސައްކަތްވެސް ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.




