
އެކަމާގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އާދަމް އާޒިމް މިއަދު ވިދާޅުވީ، 15 އަހަރު ވަންދެން ގަލޮޅު ސިޓީ ޕާކުގައި އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެ ތަންވެ، އެ ކަމުގެ ސަބަބުން، އެ ސަރައްޙައްދުގައި ދިރި އުޅޭ ރައްޔިތުންނަށް، ތަފާތު އުނދަގޫތައް ވަމުންދާތީ، އެ ކަމުގެ ޝަކުވާތައް ކެނޑިނޭޅި، މާލެ ސިޓީ ކައުންސިލަށް ލިބެމުން ދިޔަކަމަށެވެ.
އެހެންކަމުން ގަލޮޅު ސިޓީ ޕާކު އަލުން ތައްޔާރުކުރުމުގެ މަސައްކަތް މި ކުރަނީ، އެ ތަނުގައި ޖާގަ އޮތް މިންވަރުން ރައްޔިތުން ބޭނުންވާ މުހިންމު ކަންކަމަށް، ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށް ވިދާޅުވެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ސިޓީޕާކު އަލުންހެދުމުގެ މަސައްކަތް ނިމޭއިރު، ސީޓީ ޕާކުގައި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި އައުޓްޑޯރ ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ކުޑަކުދިން ކުޅޭނެ ހުސް ބިމަކާއި އައުޓްޑޯ ޖިމަކާއި އިވެންޓް ބޭއްވުމަށް ހާއްސަ ސަރަހަދަކާއި އަދި އުމުރުން ދުވަސްވީ ބޭފުޅުން މަޑުކޮށްލައިގެން ތިބުމަށް ޓަކައި، އުނދޯލި ބަހައްޓައިގެން ތައްޔާރުކޮށްފައި އޮންނަ ހާއްސަ ސަރަހައްދެއް އޮންނާނެ ކަމަށެވެ.
ގަލޮޅު ސިޓީޕާކު އަލުން ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: މާލެސިޓީ ކައުންސިލް
ސިޓީޕާކުގެ އިތުރުން ވެސް މާލޭގެ މަގުތަކަކީ ހިތްފަސޭހަ އަމާން މަގުތަކަކަށް ހެދުމަށް މާލޭސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ މަގުތަކެއްގައި މިހާރު ވެސް މަސައްކަތްތައް ކުރަމުން އަންނަކަމަށް އާދަމް އާޒިމް ވިދާޅުވެފައި ވެއެވެ.
އެގޮތުން ދެވިނަމަގު އަދި ޝަހީދުކުޑަ ނެވި ތުއްތު ހިނގުމުގެ ކާނުތައް ސާފުކުރުމާއި، ދެވިނަ މަގު މަރާމާތުކުރުމުގެ އިތުރުން، ️ބާޒާރުމަތީ ވަދުފޮށި ކަންމަތި އަދި ޒައިތުއްމާ ކުރިމަތި ޕޭވްމަންޓް މަތީ މުދާ ބަހައްޓައިގެން ވިއްކާ ފަރާތްތައް ހުއްޓުވާ ކުނިތައް ނަގާ ސާފުކޮށް އަދި އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއްކަމަށްވާ އާބުރުޒު މަގު، ފުއްކަފަ ގޯޅި ކަންމަތިން ކުނިތައް ނެގުމުގެ މަސައްކަތް ވެސް މޭލޭސިޓީ ކައުންސިލުން އިއްޔެ ވެސް ކޮށްފައި ވެއެވެ.
އަދި މީގެ އިތުރުން މާާލޭގެ އެކި ސަރަހައްދުތަކުގައި ސައިކަލް ޕާކިންގ ޒޯން އިތުރުކޮށް ޓްރެފިކްލައިން ކުރެހުމުގެ މަސައްކަތް ވެސް މާލޭސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މާލޭގެ މަގުތަކަކީ ހިތްފަސޭހަ އަމާން މަގުތަކަކަށް ހެދުމަށް މާލޭސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން
މޭޔަރު އާދަމް އާޒިމް ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭ ސިޓީގެ މޭޔަރުކަމަށް، ދެވަނަ ދައުރަކަށް ނުކުންނެވުމުގެ ގޮތުން އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ ޕްރައިމައީގައި ވާދަކުރެއްވުމަށް ކެމްޕޭނު ފައްޓަވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ދެން އެމަނިކުފާނާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމް އެވެ.




