
ފައިސަލް ނަސީމް މިކަމަށް އިލްތިމާސްކުރައްވާފައި ވަނީ، އަންނަ އަހަރު މާރިޗު މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ފުވައްމުލަކު ސިޓީގައި އިދިކޮޅު އެމްޑީޕީގެ ޓީމުތައް ބަދަހި ކޮށް، ހިޔާލުހޯދުމުގެ ގިނަ މަޝްވަރާތަކެއް ކުރުމުގެ ގޮތުން އެ ސިޓީއަށް އެމަނިކުފާނު ކުރެއްވި ދަތުރު ނިންމަވައި ލައްވައި ރޭ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ފައިސަލް ނަސީމްގެ ޕޯސްޓުގައި ވިދާޅުވީ، އޭނާގެ އެ ދަތުރުގައި ބައްދަލުވި ގިނަ ރައްޔިތުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި ކަމަށާ، އެގޮތުން މިސަރުކާރަށް 2 އަހަރު ވީއިރު، ފުވައްމުލަކުގެ ތަރައްގީއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމާއި، ކުރީ ސަރުކާރުގައި ފަށައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް މަޑުޖެހި، އަދި ބައެއް މަޝްރޫއުތައް ހުއްޓިފައި ވުމަކީ އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ފައިސަލްގެ ނައިބުރައީސް ކަމުގެ ދަށުން ހިނގި އެމްޑީޕީ ސަރުކާރުގައި، ފުވައްމުލަކުގެ ހުރިހާ ސްކޫލުތަކެއްގައި އިތުރު ކުލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލުތައް ގާއިމުކުރެވިފައި ވުމުން، ދަރިވަރުންގެ ކިޔެވުމާއި އެ ކުދިންނަށް އުނގަންނައިދިނުމުގެ މަސައްކަތްތަކުން ދަނީ ހެޔޮބަދަލުތައް ފެންނަމުން ކަމަށާ، ހޮސްޕިޓަލްގެ އިމާރާތް ވެސް ބޮޑުކުރެވި، ލެބޯޓަރީގެ ހިދުމަތް ފުޅާކުރެވި، ޑައިލިސިސް ހިދުމަތާއި ޑެންޓަލް ހިދުމަތްތަކާއި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށުމުގެ ސަބަބުން، ސިއްހީ ހިދުމަތުގައި މީގެ ކުރިން ރައްޔިތުން އުފުލަން ޖެހުނު އެތައް ތަކުލީފަކަށް ވަނީ ލުއި ލިބިފައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އެހެންކަމުން އެ ސިޓީގައި ހިނގަމުން އަންނަ މަޝްރޫއުތަކުގެ ދުވެލި އަވަސްކުރުމާއި، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމާއި، ފުވައްމުލައް ސިޓީގެ ތަރައްގީއަށް ސަމާލުކަން ދެއްވުމަށް، ސަރުކާރަށް އިލްތިމާސްކުރައްވާ ކަމަށް ފައިސަލް ވިދާޅުވެފައި ވެއެވެ.
ފައިސަލް ނަސީމް އަދި ކުރީގެ މިނިސްޓަރ އަސްލަމް ފުވައްމުލަކަށް ވަޑައިގެންނެވީ ހުކުރުދުވަހުގެ ރެއެވެ. އަރިހުގައި ވަޑައިގެންނެވި ޓީމުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވާ ފުވައްމުލަކުގެ ދެ ބޭފުޅުން ކަމަށްވާ، ފުވައްމުލަކު ދެކުނު ދާއިރާގެ ރައީސް އިލްޔާސް މުހައްމަދު އާއި ފުވައްމުލަކު އުތުރުގެ ދާއިރާގެ ރައީސް އިބްރާހީމް ސައީދު، އަދި ފުވައްމުލައް ސިޓީގެ ކުރީގެ ދެ މަޖިލިސް މެންބަރުން ކަމަށްވާ ޙުސައިން މުޙައްމަދު ދީދީ އާއި މުޙައްމަދު މުމްތާޒް ވެސް ހިމެނި ވަޑައިގެންނެވި އެވެ.
ފައިސަލްގެ މި ދަތުރުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުން ފުވައްމުލައް ސިޓީގައި ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމާއި، އަންނަ އަހަރު މާރިޗު މަހު ބާއްވާ ކައުންސިލް އިންތިހާބަށް ފުވައްމުލަކު ސިޓީގައި އިދިކޮޅު އެމްޑީޕީގެ ޓީމުތައް ބަދަހި ކޮށް، ހިޔާލުހޯދުމުގެ ގިނަ މަޝްވަރާތަކެއް ކޮށް، ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާ ގާތުން ބައްދަލުކުރުން ކަމަށް އެމްޑީޕީ ބުނެފައި ވެއެވެ.




