ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އޭރުގެ ކެންޑިޑޭޓް ޑރ.މުއިއްޒު ކެމްޕޭނު ޖަލްސާއެއްގައި.-
ސަރުކާރަށް ދެ އަހަރު، ޝުކުރުވެރިވާ ވަރެއް ނޫން
ޖުނާން އަޙުމަދު 17 ނޮވެމްބަރ 2025 (ހޯމަ)   15:26
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވީ މީގެ ދެއަހަރު ކުރިން މިއަދުއެވެ. ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބުކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަ މިއަދުވެސް ގިނަ ބަޔަކު ހަނދާންކުރެއެވެ.

ދެ އަހަރު ފާއިތުވިއިރު ގިނަ ކަންކަން ކުރެއްވީ އެދުވަހު ދެއްކެވި ވާހަކައާ އިދިކޮޅަށެވެ. އަދި ރިޔާސީ އިންތިޚާބް ކެމްޕޭންގައި ދެއްކެވި ކިތަންމެ ވާހަކައަކާ ދިމާ އިދިކޮޅަށް އެތައް ކަމެއް، މިވީ ދެއަހަރު ތެރޭގައި ކުރައްވައިފި އެވެ.

ބައެއް ކަންކަމަށް ބަލައިލާނަމެވެ؛

  • މައުލޫމާތު ނުހިފަހައްޓަވައި ހާމަކުރައްވާ ތަނެއް ނުފެނޭ. އާރުޓީއައި ހުށަހަޅަން ނުޖެހޭނެކަމަށް ވިދާޅުވިޔަސް، ހުށަހެޅީމާވެސް ޖަވާބު ނުދޭ.
  • މިނިވަން މުއައްސަސާތައް ކުރީ އަޅުވެތި. ފިއްތުމާއި ބިރުދެއްކުމާއި ނުފޫޒުގެ ތެރޭގައި އެ މުއައްސަސާތައް މިހާރު އޮތީ ނަމަކަށް. ކިރިޔާ ވެސް ސަރުކާރަކުން ހިތްހަމަ ނުޖެހޭ ގޮތަކަށް މަސައްކަތެއް ކޮށްފާނެ ކަމަށް ބެލެވުނު ބޭފުޅުންވެސް ވަކިކޮށްފި.
  • މިނިވަން މުއައްސަސާތައް މެންބަރު އައްޔަނުކުރުމުގައި އެ ބޭފުޅެއްގެ މެރިޓަށް ބެލުމުގެ ބަދަލުގައި ބަލަނީ ފިކުރަށް. ސަރުކާރަށް ނުވަތަ ޕީއެންސީއަށް ބޯލަނބާ މިންވަރަށް.
  • ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުނު ހިސާބުން ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތު ކުރިގޮތާ ހިލާފަށް އެ މައްސަލަ ބެލޭނެ ކަމަށް, ސުޕްރީމް ކޯޓުން ނިންމުމާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ, ހުސްނުއް ސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ބޭރުކޮށްލި.
  • ސަރުކާރަށް ނިސްބަތްވާ ނުފޫޒުގަދަ މަޖިލިސް މެންބަރެއްގެ މައްސަލަ ފެންމަތިވުމާއެކު، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން އެކަހެރިކުރި.
  • އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަނީ ކަމަށް ބުނެ އޮއްބާލި.
  • އެފްއެސްއެމްގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަނީ ކަމަށް ބުނެ އޮއްބާލި.
  • މޯލްޑިވް ގޭސް އިން ހިޔާނާތް އެކުލެވޭ މުއާމަލާތް ކުރުމުންވެސް ފިޔަވަޅެއް ނޭޅި. ގެއްލުނު ފައިސާ އަދިވެސް ނުލިބޭ.
  • ޑޮލަރުގެ އަގާއި ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް ދަނީ މައްޗަށް.
  • 700 އަށް ވުރެން އިތުރު ނުކުރައްވަން ވައުދުވެވަޑައިގެންނެވި ސިޔާސީ މަގާމުތައް އޭގެ އެތައް ގުނައަކަށް އިތުރުކޮށްފި.
  • ޕީއެންސީއަށް ސޮއިކުރުމާއެކު، ދައުލަތުގެ ކުންފުނިތަކުން މަސައްކަތެއް ނެތިވެސް މަގާމު އުފައްދާ ވަޒީފާތައް ދަނީ ބަހަމުން. ބައެއް ވަޒީފާތަކަށް އެއްގޮތަކަށް ނުނިކުތަސް ބޮޑު މުސާރަ ލިބޭ ގޮތަށް އޮތީ ކަނޑައަޅާފައި.
  • މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކޮށް ނުހޮވުނު ފަރާތްތަކަށް މިނިވަން މުއައްސަސާގެ މެންބަރު ކަމުގެ އިތުރުން ފަނޑިޔާރުކަމަށްވެސް ވަނީ އައްޔަނުކޮށްފައި.
  • ބިޑަކަށް ނުލައި، ބޭނުންވާ ބަޔަކަށް އެތައް މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތަކެއް ބަހާލި.
  • ދެއަހަރު އެކަނި ނެގި ދަރަނި 36 ބިލިޔަން ރުފިޔާއިން އިތުރު ވެއްޖެ.

-

މިހުރިހާ ކަމެއް މިހެން ހުރިއިރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާވެސް އިންތިހާއަށް ބޮޑެވެ. ކުރީ ސަރުކާރުން ހުރިހާ ރަށެއްގައިހެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. ކުރިއަށް ދާނަމަ ދަނީ ފިނިހަކަ ދުވެލީގައެވެ.

ރައީސް މުއިއްޒު، ދެ އަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރެއްވިއިރު ކޮންމެ ރަށަކަށް ވަޑައިގެންވެސް ކޮންމެވެސް މަސައްކަތެއް އެ ރަށެއްގައި ފެއްޓެވިއެވެ. ނުވަތަ ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ވިދާޅުވި ގޮތަށް ކަންކަން ކުރިއަށް ނުދާ ކަމުގެ ޝަކުވާ އާއި ނަމަކަށް ފެށި މަޝްރޫއު ހުއްޓިފައި އޮތް ކަމުގެ ވާހަކަތައް ރައްޔިތުން ދަނީ އެކި މަންސަ ތަކުގައި ހާމަކުރަމުންނެވެ. ކެމްޕޭނުގައާއި އޭގެ ފަހުންވެސް ވެވަޑައިގެންނެވި ގިނަ ވައުދުތައް ހުރީ ނުފުއްދި އެވެ. ބައެއް ކަންކަން ފުއްދަވަން އުޅުއްވާތީއެއްވެސް ނުފެނެވެ.

ދެއަހަރު ފާއިތުވިއިރު ފެނުނީ ނެތްތާއީދު ދައްކަން މަސައްކަތް ކުރާތަނެވެ. ފާޑުކިޔާ މީޑިއާތަކަށް ހުރަސް އަޅާތަނެވެ. އެފަދަ މީޑިއާތަކަށް ފިޔަވަޅު އަޅަން މަސައްކަތް ކުރާތަނެވެ. ސްޕޮންސާތައް ދީގެންނާއި ވަޒީފާތައް ބަހައިގެން އެކި މަންސަތަކުގައި ޕްރޮމޯޓްވާން އުޅޭތަނެވެ.

މީގެ ދެއަހަރު ކުރިން ދެއްކި ވާހަކަ އާއި ވެރިކަމަށް އައިސް އަމަލު ކުރެއްވި ގޮތް އަޅައިކިޔައިލުމުން ފެންނަނީ ދިމާއިދިކޮޅަށެވެ. އާއެކެވެ. ޝުކުރުވެރިވާ ވަރެއް ނޫނެވެ.

ކޮމެންޓް