
އަލްއުސްތާޛު އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ގައުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށާއި ނަމަވެސް މިހާރު ހާލަތު މާ ބޮޑަށް ގޯސް ކަމަށެވެ. އަދި މި ސަރުކާރު ބާއްވައިގެން ގައުމުގެ ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިންގެ ޕޯސްޓުގައި ވަނީ، ޕީއެންސީން ކިތަންމެ ބޮޑު އެއްވުމެއް ބޭއްވިޔަސް ސަރުކާރުގެ އަގެއް ނެތް ކަމަށާއި ރައްޔިތުންގެ ހިތުގައި ރައީސަށް އިޙުތިރާމެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވިއިރު، ސަރުކާރަށް ދެ އަހަރު ފާހަގަ ކުރަން ރޭ ވަނީ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ.
ސަރުކާރަށް ތާއީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޖަލްސާ އަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ބޭއްވި އެންމެ ބޮޑު، އެންމެ މީހުން ގިނަ އެއްވުން ކަމަށެވެ.
"މި ބައްދަލުވުމަކީ. އަޅުގަނޑު ބަލައިލިއިރުގަ ރާއްޖޭގެ ސިޔާސީ ހަޔާތުގަ ބޭއްވޭ އެންމެ މީހުން ގިނަ ބައްދަލުވުން. މިވަގުތު ވެސް މިތަނުގައި 13،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިބިކަމުގެ ޔަގީންކަން އަޅުގަނޑު މި އަރުވަނީ،" މުއިއްޒު ވިދާޅުވި އެވެ.
އެ ރެކޯޑު ގާއިމުކުރުމަށްޓަކައި ރޭގެ އެއްވުމުގައި ބައިވެރިވުމަށް މާލެއިންނާއި ރާއްޖެތެރެއިން އައި އެންމެނަށް މުއިއްޒު ވަނީ ތަކުރާރުކޮށް ޝުކުރާއި މަރުހަބާ ދަންނަވާފަ އެވެ.
ރޭ ޕީއެންސީން ބޭއްވި ޖަލްސާއަކީ ބޮޑު ޖަލްސާއެއްގެ ގޮތުގައި ބޭއްވުމަށް އެކި ކަންކޮޅުތަކުން ކަނޑާއި ވައިގެމަގުން ގިނަބަޔަކު ވަނީ މާލެއަށް ޖަމާކުރިއެވެ. އޭގެތެރޭގައި ޕީއެންސީގެ ސަޕޯޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަދި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން މާލެ ގެނައެވެ. ދަތުރު ހަރަދުގެ އިތުރުން އެ މީހުންނަށް ފައިސާ ބެހި ކަމުގެ ތުހުމަތުތައް ވެސް ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން ކުރިއެވެ.




