ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން
ރެފަރަންޑަމް ވޯޓަކަށް ފުރަތަމަ ނަގަންވީ ނިޒާމީ ވޯޓު
"މައި ދެ އިންތިހާބު އެއްކޮށްގެން އެއް ކެމްޕޭނެއް ކޮށްގެން ޖަހަން މިއުޅެނީ ބޮޑު ސަކަރާތެއް." އަލީ ހުސެއިން
ޖުނާން އަޙުމަދު 7 ޖެނުއަރީ 2026 (ބުދަ)   15:50
ދެ އިންތިހާބު އެއްކޮށްލަން ރެފަރަންޑަމް ނެގުމުގެ ބަދަލުގައި ރާއްޖޭގަ އޮންނަން ފެންނަނީ ރިޔާސީ ނިޒާމްތޯ ބަރުލަމާނީ ނިޒާމްތޯ ބަލަން އާންމު ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު، ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހަކީ ދެކަމެއް ކުރާ ދެ ބާރު ކަމަށާ، އެހެންކަމަށް ވީހިނދު، އެ ދެ އިންތިހާބު އެއްކޮށްގެން އެއް ކެމްޕޭނެއް ކޮށްގެން ކުރިއަށް ދިޔުމަކީ ބޮޑު ސަކަރާތެއް ކަމަށެވެ.

"ދެބައި އެއްކޮށްގެން އެއް ކެމްޕޭނެއް ކޮށްގެން، ދޭތިއެއްކޮށް އެއް ފަންބޮނޑިއެއްހެން، ދޭއްޗެކޭ މިބުނަނީ، ދެކަމެއް ކުރަންއުޅޭ ދެބައެކޭ، ދެބައިމީހުން އެއްވެގެން ވޯޓުލައިގެން ހޮވައިގެން މީ ކޮން ސަކަރާތެއް ޖަހާކަށްތޯ." – އަލީ ހުސެއިން

މިރާއްޖޭގައި އަދި މިއޮތީ ރިޔާސީ ނިޒާމެއްކަން ފާހަގަކުރައްވަމުން އަލީހުސެއިން ވިދާޅުވީ، އެފަދަ ގޮތަކަށް އަމަލުކުރަނީ ނަމަ، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން އެކަން ކުރުން މާރަނގަޅުވާނެ ކަމަށެވެ.

"އެހެންވީމަ ފުރަތަމަ ވޯޓެއް ނަގަނީ ކަމަށްވަންޏާ ދިވެހިރާއްޖޭގެ ނިޒާމީ ވޯޓެއްނޫންތޯ ފުރަތަމަ ނަގަންވީ، އަޅުގަނޑު އެއްވެސް ގޮތަކަށް ތާއީދުކުރާ ކަމެއްނޫން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަކީ. އޭގެ ބަދަލުގައި އަޅުގަނޑު ގަބޫލުކުރާގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވީހާވެސް ދުރުކުރަންވީ."– އަލީ ހުސެއިން

އެގޮތުން، އަލީ ހުސެއިން ފާހަގަކުރެއްވި ގޮތުގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އެންމެ ރަނގަޅީ ރިޔާސީ ދައުރުގެ މެދުތެރެއިންނެވެ. އަލީހުސެއިންގެ އިތުރުން ވެސް ގިނަ ސިޔާސީ ލީޑަރުން އަންނަނީ މައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅުހައްދަވަމުން ކަން ފާހަގަކޮށްލެވެއެވެ.

ގިނަ ސިޔާސީ ތަޖުރިބާކާރުން މި ކަންބޮޑުވުންތައް ފާޅުކުރައްވާފައި ވާއިރު، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ގޮތުން، އަންގާރަދުވަހު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އިސްލާހުގައި ވަނީ، މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ އެކުގައި ކަމަށެވެ.

އެއާއެކު، 20 ވަނަ މަޖިލީހަށް ފަހު ދެން އިންތިހާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީހު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާހް ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.

ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، މިހާރު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރަން ފަށައިފައެވެ. ކޮމިޓީން ތާވަލުކުރީ އެ މަސައްކަތް ދިހަ ދުވަހުން ނިންމާލުމަށެވެ.

ކޮމެންޓް
ބަބުރުކަލޯ
1 day ago
ބަރުލަމާނީއަށް ބަދަލުކުރަންވީ. ހުރިހާ ކަމެއް ހައްލުވާނެ ޔަގީން