
ޕީއެންސީގެ އާ އޮފީސް އިމާރާތް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ލޯކަލް ކައުންސިލް ކެމްޕޭނުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ވާހަކަ އެއްވެސް ބަޔަކު ދައްކާ ނަމަ އެ ދެނީ ނުބައި ސިގުނަލެއް ކަމަށެވެ.
"ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާން އޮންނަ މުއައްސަސާއެއް ނޫން ގާނޫނީ ގޮތަކުން ވެސް. ސަރުކާރު ޖަވާބުދާރީ ކުރަން ކައުންސިލަށް މީހުން ހޮވަން ކެމްޕެއިން ކުރާ ކަމަށްވަންޏާ އެއީ ފުރަތަމަ ވެސް ނުބައި ސިގްނަލެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަގުސަދުގައި ކައުންސިލަރުން އިންތިޚާބުކުރާ ނަމަ ރަށްވެހިކަމުގެ މަސައްކަތްތައް ހުއްޓި، ޖަވާބުދާރީކުރުވުމުގެ މަސައްކަތުގައި ހިނގާނީ ސިޔާސީ މަސައްކަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ.
"ފުރަތަމަވެސް އޭރުން އެހިސާބުން އެ ރަށެއްގެ އެ ސިޓީއެއްގެ މަސައްކަތްތައް ހުއްޓޭނީ ނޫންތޯ؟ ޖަވާބުދާރީކުރުވުމުގެ ނިޔަތުގައި އިޚުލާސްތެރި މަސައްކަތެއްނޫން ހިނގާނީކީއެއް، ހިނގާނީ ސިޔާސީ މަސައްކަތް، ސިޔާސީގޮތުން ސަރުކާރު މަސައްކަތް ހިފަހައްޓަން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުނަ ނުދީ ހިފެހެއްޓެން އޮތް ގޮތަކަށް ހިފަހައްޓަން މަސައްކަތްކުރާނީ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި މަޝްރޫއުތައް ހިނގާގޮތް ބެލިއިރު، ކައުންސިލުތަކުން ބިން ހަވާލުނުކުރުމުގެ ސަބަބުން ސްކޫލުތަކުގެ އެކްސްޓެންޝަން އިމާރާތްތަކާއި މިސްކިތްތަކާއި ކުޅިވަރު ކުޅޭ ތަންތަން އެޅުމަށް ހުރަސްތައް ކުރިމަތިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ކަމަށާއި، އެހެންވެ އެކަންކަން ތަކުރާރުވާން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ބާރު ސްޕީޑުގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ކައުންސިލަރުންގެ އެއްބާރުލުމާއެކު ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސިޔާސީ ގޮތުން އެކިކަހަލަ އުނދަގޫތައް ކުރިމަތިކުރާ ކަހަލަ ކައުންސިލްތަކެއް އުފެދިއްޖެނަމަ ދާންވީ މިސްރާބަށް ދިއުމަށް ހުރަސް އެޅުމުގެ އިތުރުން އެތައް ތަނެއް މަޑުޖެހި ފަހަތަށް ދާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.




