ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ޕީއެންސީ
ޕީއެންސީގެ މައިހަރުގެ ހަތަރު ފަންގިފިލާއަށް ފައްކާކޮށް ހުޅުވައިފި
ފިޔެސް 8 ޖެނުއަރީ 2026 (ބުރާސްފަތި)   23:25
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މައިހަރުގެ ހިންގަމުން ދިޔަ އިމާރާތް ބޮޑު މަރާމާތަކަށްފަހު މިރޭ ހުޅުވައިފި އެވެ.

އެންމެ ފުރަތަމަ އެމްޑީޕީގެ ހަރުގެ ހިންގި މި އިމާރާތުގައި ފަހުން، އެ ޕާޓީން ވަކިވެ ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ޖަގަހައެއް ވެސް ހިންގި އެވެ. ޕީއެންސީ އިން އެ ބިން ނެގީ ރިޔާސީ އިންތިހާބަށްފަހު 2024 ވަނަ އަހަރުގެ ޖުލައިމަހު އެވެ.

ކުރިން އާދައިގެ ގޮތަކަށް ހުރި އެ އިމާރާތަށް ގެނައި ބަދަލުތަކުގައި އެ އިމާރާތްވަނީ ހަތަރު ފަންގިފިލާއަށް އުސްކޮށްފައެވެ. މިހާރު އެއީ ހަތަރު ފަންގިފިލާގެ އޮފީސް އިމާރާތެކެވެ.

މިރޭ ބޭއްވި ޖަލްސާއެއްގައި މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ އާންމު މެންބަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ހުރި މި އިމާރާތުގައި ބޮޑު ލެޑް ސްކްރީނެއް ވެސް ހަރުކޮށްފައިވެއެވެ. ބޮޑެތި ހަރަދުތަކެއް ކޮށްގެން ފައްކާކުރި މި އޮފީސް އިމާރާތް ވާނީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ހެދި އެންމެ ބޮޑު އޮފީހަށެވެ. މި އޮފީސް އިމާރާތް ފައްކާކޮށް ފުރިހަމަ ކުރުމަށް ކުރީ ކިހާވަރެއްގެ ހޭދައެއްކަން ޕީއެންސީން ހާމަކޮށްފައެއް ނުވެއެވެ.

ޕީއެންސީ އަކީ މިހާރު ރާއްޖޭގައި އެންމެ މެންބަރުންގެ އަދަދު ގިނަ ޕާޓީ އެވެ. ޕީއެންސީގެ ޓިކެޓްގައި މުއިއްޒު ވެރިކަމަށް ވާދަކުރެއްވިއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު 3000 ގައި އުޅުނުނަމަވެސް، ފާއިތުމިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ އެތައް ގުނައަކުން ބޮޑުވެފައެވެ. އެންމެފަހުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި ޕީއެންސީގައި 74،048 މެންބަރުން އެބަ ތިއްބެވެ.

ކޮމެންޓް