
ކުރީގެ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މިހާރު، އެސްއެމްއީ ޑިޖިޓަލް އަށް ރީބްރޭންޑު ކޮށްފައި ވާއިރު، އެ ކުންފުންޏަކީ، އަލަށް ފަށާ އެންމެ ކުދި ވިޔަފާރިތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ހިނގަމުންދާ ވިޔަފާރިތަކަށް ވެސް އެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަދި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހިތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ.
އެ ކުންފުނިން މިހާރު ތަފާތު 8 ދާއިރާއަކުން ލޯނު ދޫކުރަމުން ދާއިރު، އެ ދާއިރާ ތަކަކީ ފަތުރުވެރިކަން، ކޮމާސް، މަސްވެރިކަން، ދަތުރުފަތުރު، އުފެއްދުންތެރިކަމުގެ އިތުރުން، އިމާރާތްކުރުން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއިންވެސް އެސްއެމްއީ ބޭންކުން ދަނީ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ.
އެސްއެމްއީ ޑިޖިޓަލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެންމެ ކުދި ވިޔަފާރި ތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލުން 117 މިލިޔަން ރުފިޔަ ދޫކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ރަށު ފަތުރު ލޯނު ސްކީމުގެ ދަށުންނެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ޖުމްލަ 573 ފަރާތަކަށް ލޯނު ދޫކޮށްފައި ވާއިރު، އެއީ މުޅި ޖުމްލަ 335,524,928 (ތިންސަތޭކަ ތިރީސް ފަސްމިލިޔަން ފަސްލައްކަ ސައުވީސް ހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ) ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ.
އަދި އަހަރުގެ މިހާތަނަށް އެ ކުންފުނިން ވަނީ 223 ފަރާތަކަށް މުޅި ޖުމްލަ 117,843,773 (ސަތޭކަ ސަތާރަ މިލިޔަން އަށްލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ހައްދިހަ ތިން ރުފިޔާ) ލޯނުގެ ގޮތުގައި ދޫކޮށްފައި ކަމަށް ތަފާސްހިސާބުތަކުން ފެންނަން އޮތް އިރު، މިދިޔަ އަހަރު އެ ކުންފުނިން ވަނީ 350 ފަރާތަކަށް މުޅި ޖުމްލަ 217,681,155 (ދުއިސައްތަ ސަތާރަ މިލިޔަން ހަލައްކަ އަށްޑިހަ އެއްހާސް އެއްސަތޭކަ ފަންސާސްފަސް ރުފިޔާ) ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.




