ކުރީގެ ހުޅުމާލެ ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ އޭރުގެ މުގައްރިރު ޢަލީ ނިޔާޒް
ރަށާކައިރިން ގްރޫޕްކޮށްގެން ރަށްތައް ހިންގޭނެ އިދާރީ އިންތިޒާމެއްގެ ފައިދާ ބޮޑުވާނެ
"ރާއްޖެ އަކީ ޖަޒީރާ ގައުމެއް. އަތޮޅުފަށަލައަކީ ރާއްޖޭގެ ގުދުރަތީ ސިފަނައްތާނުލާ ރަށްތައް ގްރޫޕްކޮށް ހިންގޭ އިދާރީ އިންތިޒާމެއް." – ޢަލީ ނިޔާޒް
ޖުނާން އަޙުމަދު 17 ނޮވެމްބަރ 2025 (ހޯމަ)   11:59
ކޮންމެ ރަށެއް ވަކިން ސަރުކާރާ ގުޅި އިދާރީގޮތުން ހިންގުމަށްވުރެ ރަށާކައިރިން ގްރޫޕްކޮށްގެން ރަށްތައް ހިންގޭނެ އިދާރީ އިންތިޒާމަކުން ލިބޭ ފައިދާ މާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު، އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ އޭރުގެ މުގައްރިރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ޢަލީ ނިޔާޒް މިފަދައިން ވިދާޅުވީ، އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ބޭކާރު ފަށަލައެއްގެ ގޮތުގައި ސިފަ ކުރައްވައި، އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރައްވާނެ ކަމަށް ރައީސް މުއިއްޒު މިދިޔަ އޮގަސްޓު މަހު ވިދާޅުވެފައި ވަނިކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނޯންނަ ގޮތް ހެދުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވާގޮތުން، އަތޮޅު ކައުންސިލް ވުޖޫދުކުރަން ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރަން ހުށަހަޅުއްވައިފައި ވާއިރު، އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ހުށަހެޅުއްވާފައި ވެއެވެ.

އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ބަޔާންކޮށްފައި ވާއިރު، އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ވެސް ޝުޖާއު ހުށަހެޅުއްވި މި އިސްލާހުގައި ވެއެވެ.

މިކަމާގުޅޭގޮތުން ފިޔެސް އަށް ދެއްވި ބަސްދީ ގަތުމެއްގައި ޢަލީ ނިޔާޒް ވިދާޅުވީ، އެކިއެކި ރަށްރަށް، ކޮންމެ ރަށެއް ވަކިވަކިން ސަރުކާރާ މުއާމަލާތް ކުރުމަކީ ރާއްޖެ ފަދަ ގިނަ ޖަޒީރާ ރަށްތަކެއް ހިމެނޭ ގައުމެއްގައި އެއްގޮތަކަށް ވެސް ރަނގަޅު އިންތިޒާމަކުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން އޭގެ ބަދަލުގައި މިހާރު ވެސް ލާމަރުކަޒީ ނިޒާމް ތަރުތީބުވެ ބައްޓަން ވެފައިވާ ގޮތަށް، ކޮންމެ ރަށެއް ވެސް އެ ރަށަކާއި ކައިރިން، އަތޮޅުތަކުގެ ގޮތުގައި ގްރޫޕްކޮށްގެން ރަށްތައް ހިންގޭނެ އިދާރީ އިންތިޒާމެއްގެ ފައިދާ ރައްޔިތުންނަށް އަދި މައި ސަރުކާރަށް ވެސް މާ ބޮޑުވާނެކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޢަލީ ނިޔާޒް އިއްޔެ ވަނީ އެކްސްގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ.

"ރާއްޖެ އަކީ ޖަޒީރާ ގައުމެއް. އަތޮޅުފަށަލައަކީ ރާއްޖޭގެ ގުދުރަތީ ސިފަނައްތާނުލާ ރަށްތައް ގްރޫޕްކޮށް ހިންގޭ އިދާރީ އިންތިޒާމެއް. ކޮންމެ ރަށެއް ވަކިން ސަރުކާރާ ގުޅި އިދާރީގޮތުން ހިންގުމަށްވުރެ ރަށާކައިރިން ރަށްތައް ގްރޫޕްކޮށްގެން ހިންގޭނެ އިދާރީ އިންތިޒާމަކުން ލިބޭ ފައިދާ ބޮޑުވާނެ." ޢަލީ ނިޔާޒް އެކްސްގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ވެސް ސަރުކާރުގެ ފަރާތުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައި ކަން ވެސް ފާހަގަކޮށްލެވެއެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުންނަށް މަދު ކުރަން ޖެހޭކަމަށް ހުށަހަޅުއްވާފައެވެ.

ތިން ކައުންސިލަރުން ތިބޭ ރަށު ކައުންސިލްތަކުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭއިރު، ފަސް މެމްބަރުންގެ ކައުންސިލެއްގެ ދެ ގޮނޑި އަންހެންނުނަށް ހާއްސަކުރަން ވެސް އެ އިސްލާހުގައި ލާޒިމުކޮށްފައި ވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތެރެއިން، ފުލް ޓައިމް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސް އެކަނި ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް