
ހުސައިން ސަނީ އުމަރަކީ ޓްރެވެލް ދާއިރާގެ ޕީއާރު ފާމެއް ކަމަށްވާ "ދަ ޓްރެވަލެ ގައިސް ޕްރައިވެޓް ލިމިޓެޑް" އާއި ހަލާލް ޓޫރިޒަމްގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއެއްގައި އިސްކޮށް ރާއްޖޭގައި ހަރަކާތްތެރިވި މީހެކެވެ.
ދަ ޓްރެވަލް ގައިސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކަށް ބަލާއިރު، ސަނީ އުމަރު ވަނީ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާކޮށްފައި ކަމަށް ތުހުމަތުކުރެވެއެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު އޭނާ ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށް ވެސް މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކުގައި ބުނެއެވެ.
ޓްރެވެލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ޓްރެލް ގައިސް އިން ބުންޏެވެ.
އޭނާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުނެ ފުލުހުން މިއަދު ހާމަކުރިގޮތުގައި، ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.
ފިޔެސް އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ކުއްޖާގެ އާއިލާގެ ފަރާތުންކަމަށް ވާއިރު، މިކަމާގުޅިގެން ފުލުހުން މީގެކުރިން ވެސް ބުނެފައިވަނީ، ސަނީ އުމަރުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅޭ މައްސަލަތަކެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާ، އަދި ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބަލަމުން ކަމަށެވެ.




