
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ބްރިޖު މަތިން ޖެހި، އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 18:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށާއި އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިނިސްޓަރު އިހުސާން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިނިސްޓަރުގެ ކާރުކޮޅުގައި ކަމަށެވެ.
މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެމީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ދެމީހުންގެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ބްރިޖު މަތީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި އަނިޔާވި މީހަކު ކާރަށް އަރުވަން މިނިސްޓަރު އިހުސާން އިރުޝާދު ދެއްވައި އެހީތެރިވާ މަންޒަރެވެ.
މީގެ ކުރިންވެސް މިނިސްޓަރު އިހުސާން ވަނީ މިފަދަ އިހުސާންތެރިކަން އެކި ހާލަތްތަކުގައި އެކި މީހުންނަށް ފޯރުވައި ދެއްވާފައެވެ.




