
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޒުވާނުންނަށް ހިލޭ އެހީ ދިނުމަކީ ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން، ކުރެހުމަކީ ގިނަ ޒުވާނުން ހަރަކާތްތެރިވާ ދާއިރާއެއް ކަމަށާއި، އެ މަނިކުފާނު ބައެއް ފަހަރު މައުރަޒުތަކަށް ވަޑައިގަތުމުން އެ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ވައުދުވިން މި އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން ދެން ކޮންމެ އަހަރަކު ވެސް 25 މިލިޔަން ރުފިޔާ ގްރާންޓް ހިލޭ އެހީ ކުރެހުމުގެ ފަންނަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށާއި އޭގައި އުޅޭ ކުދިންގެ ތެރެއިން އިތުރަށް ކުރިއަށްދާން ބޭނުންވާ ކުދިންނަށް ބޭނުންވާ އެއްޗެހި ގަންނަންށާއި އެކި ކަހަލަ ކޯސްތަކުގައި ބައިވެރިވާންށާއި ކޯސްތައް ހިންގުމަށާއި މި ހުރިހާ ކަމަކަށް ހިލޭ އެހީ ދޭނަމޭ. އެކަން މިހާރު ބަޖެޓްގައި ހިމަނާފައި އެއޮތީ. އެކަން ފެށިގެން ދާނެ ވަރަށް އަވަހަށް." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، ރާއްޖޭގެ ހުނަރުވެރި އާޓިސްޓުންނަށް ފުރުސަތުތައް މަދު ވާހަކަ އާއި އެކަށީގެންވާ އާމްދަނީ އާއި ވަސީލަތްތައް ނުލިބޭ ވާހަކަ ބައެއް އާޓިސްޓުންގެ ފަރާތުން އިވެއެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަށް ފުރުސަތުތައް ފަހިކުރަން މި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަސައްކަތް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ނޮވެންބަރު 17، 2023އިން ފެށިގެން 375 ޒުވާނުން ތަމްރީނުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އޭގެ ތެރެއިން 72 ޕަސެންޓް ޒުވާނުން ވަނީ ވަޒީފާ ކަށަވަރުކޮށްފައި ކަމަށެވެ. އަދި އިތުރު 112 ޒުވާނުން މިހާރު ވެސް ތަމްރީނުތައް ހަދަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




