ކުރީގެ ރައީސް ޢަބްދުﷲ ޔާމީން.--
ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާ ފޮނިކަނޑާފައި އަޗާތެޅީ: ރައީސް ޔާމީން
މަރްޔަމް މުޙައްމަދު 21 ނޮވެމްބަރ 2025 (ހުކުރު)   10:09
މިއަހަރަށް ކަނޑައެޅި ބަޖެޓް ބޯހިޔާވަހިކަމަށް ހާއްސަކުރިޔަސް ބަޖެޓް ހުސްވިއިރުވެސް ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާ ފޮނިކަނޑާފައި އަޗާތެޅުން ނޫންކަމެއް ނުވާކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ބޯހިޔާވަހިކަމަށް ހާއްސަކުރި ދެ ބިލިޔަން ރުފިޔާ ހުސްވިއިރު، ރައީސް މުއިއްޒު އަށް އެންމެ ގާބުރިއެއްވެސް ނުބޭއްވުނު ކަމަށެވެ.

"ބޯހިޔާވަހިކަމަކީ އެންމެ ހައްސާސް މައްސަލަ، ޒުވާނުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް. އެހާ ވަރަށް މި ވާހަކަ ދައްކާފަ ފޮނި ކަނޑާފައި އަޗާތެޅީ.. އަޗާ ތަޅާފަ މި ދެ ބިލިޔަން ރުފިޔާ ވީނުވީއެއް ނޭނގެ. އިނގޭތޯ. ބަޖެޓުގައި ޖެހި މި ފައިސާ. އަދި ޕީއެސްއައިޕީގެ ތެރޭގައި މި ފައިސާ ހުރި." ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން 2025 އަށް ލަފާކޮށް ހުށަހެޅީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން 1.5 ބިލިޔަން ރުފިޔާ ހައުސިން މަޝްރޫއު ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ދެ ބިލިޔަނާއި ފަސް ބިލިޔަނާ ދެމެދުގެ އަދަދަކަށް 5 ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަން ވެސް ސަރުކާރުން ނިންމިއެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް މި އަހަރު ނުވެ އޮއްވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެކި އިސްލާހުތައް ހުށަހެޅި ނަމަވެސް އެއިން އެއްވެސް އިސްލާހެއް ބަލައިނުގަނެ، ސަރުކާރުން ހުށަހެޅިގޮތަށް ކޮމިޓީން މިހާރު ވަނީ ބަޖެޓް ފާސްކޮށްފައެވެ. އަންނަ ހަފުތާގައި މަޖިލީހުން ބަޖެޓް ފާސްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް