ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް - ފޮޓޯ:ޕީއެންއެފް
އިނާޔާތްތައް އުނި ކުރިޔަސް އަޅުގަނޑަށް ވާނެ ގެއްލުމެއް ނޯންނާނެ
"ގެއްލުން ވަންޏާ ވާނީ ފަލާހުމެންގެ ރައީސަށް. ރައީސް ޔާމީންއޭ ކިޔާވަރަކަށް ބޭލޭނީ ފަލާހުމެންގެ ސޯޓު،" – ރައީސް ޔާމީން
ޖުނާން އަޙުމަދު 28 ނޮވެމްބަރ 2025 (ހުކުރު)   08:47
ހުރިހާ އިނާޔަތެއް ކެނޑިޔަސް ވަރިހަމަ ކަމަށާ، އިނާޔާތްތައް އުނި ކުރުމުން ފަހުން ވެސް ގެއްލުން ވަންޏާ ވާނީ ފަލާހުމެންގެ ރައީސަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހަކީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު މުޖުތަމައު އަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްޕުޅުތަކެއް ކުރެއްވުމަށްޓަކާ އެބޭފުޅަކު ބޭނުންފުޅު ވެއްޖެ ހިނދެއްގައި، މަސައްކަތް ކުރައްވާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސެވުމަށްޓަކާ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ މާއްދާ އުނިކުރުމެވެ.

މި އިސްލާހާއި ގުޅިގެން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ޔާމީނަށް ވަނީ އަމާޒު ކުރައްވާފައެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ފަލާހުގެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސްކަން ކުރައްވާ ވަކިވެވަޑައިގެންނެވި ފަހުން 7 އަހަރުގެ ދިގު މުއްދަތެއް ފަހަނަ އަޅާ ގޮސްފައިވާއިރު އެއިން އެންމެ ދުވަހެއްގައިވެސް ދައުލަތުގެ ބަޖެޓުން އެމަނިކުފާނުގެ އޮފީސް ހިންގަންވެސް އަދި އާއިލާއަށާއި އަމިއްލަފުޅު ބޭސްފަރުވާއަށްވެސް ލޯލާރިއެއްވެސް ހޭދަކުރައްވާފައި ނުވާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭ ހުރިހާ އިނާޔަތެއް ކެނޑިޔަސް މައްސަލައެއް ނެތް ކަމަށާ، އޭގެއިން އެމަނިކުފާނަށް ލިބިލައްވާނެ ގެއްލުމެއް ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ބޭސް ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު، އަދި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް އާސަންދައަށް ބިލު ފޮނުވާފައި ނޯންނާނެ ކަމަށާއި މިފަދަ ވާހަކަތައް ދެއްކުމުން ބޭލޭނީ އަމިއްލަ ސޯޓު ކަމަށެވެ.

"ރައީސް ކަމުން ވަކިވިތާ 7 އަހަރުވީއިރު ސަރުކާރުގެ ބަޖެޓުން ލޯ ލާރިއެއްވެސް ނޯންނާނެ ނަގާފައި އޮފީސް ހިންގަން. ރައީސްކަމުން ވަކިވިތާ ހަތް އަހަރުވީއިރު އަޅުގަޑެއް އަޅުގަނޑުގެ އަނބިމީހާއެއް ނޯންނާނެ ޑޮކްޓަރަށް ދައްކާ އެންމެ ބިލެއްވެސް ދައުލަތަށް ފޮނުވާފައެއް. އިނާޔާތްތައް އުނި ކުރިޔަސް އަޅުގަނޑަށް ވާނެ ގެއްލުމެއް ނޯންނާނެ، ގެއްލުން ވަންޏާ ވާނީ ފަލާހުމެންގެ ރައީސަށް ފަހުން. ރައީސް ޔާމީންއޭ ކިޔާ އަނގަފުޅާ ކުރިވަރަކަށް ބޭލޭނީ ފަލާހުމެންގެ ސޯޓު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކޮށްފިނަމަ އަންނަ އަހަރު 10،500،000 ރުފިޔާ ހަރަދު ކުޑަވާއިރު، އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ 10.2 މިލިޔަން ރުފިޔާއަށް ކުޑަވެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު އޮފީސް ހިންގުމަށް ދައުލަތުން ފައިސާ ހަމަޖައްސައިދިނުމުގެ މާއްދާ އުނިކުރުމުގެ އިތުރުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔާތެއް ދިނުމަށް ވެސް ވަނީ ހިމަނާފައެވެ.

ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 300،000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުން އިނާޔަތް ދޭންޖެހޭނީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަންޏެވެ. މި އުސޫލުން ބަލާނަމަ މިހާތަނަށް 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިޞަލް ނަސީމެވެ. އޭގެ ކުރިން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކި ސަބަބުތަކާހުރެ 5 އަހަރުގެ ދައުރު ފުރިހަމަ ނުކުރެއްވެއެވެ.

ކޮމެންޓް