
ފިނޭންސް މިނިސްޓްރީން މި ލަފާ ހޯދަން ހުށަހެޅީ، ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނު ބަދަލުކޮށް، އެ އިނާޔަތްތަކުގެ ތެރެއިން ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އޮފީސް ހިންގުމުގެ ހަރަދު އުނިކޮށްފައި ވަނިކޮށެވެ. އެ ބިލް މަޖިލީހުން ފާސްކުރީ މި ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.
އެ ބިލް ފާސްކުރުމުގެ ކުރިން އަދި ބިލް ހުށަހެޅުމުގެވެސް ކުރިން، ނޮވެމްބަރު 10 ގައި ރައީސް ޔާމީން ވަނީ ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީން ޔާމީން އެދިވަޑައިގަތީ، 2018 ނޮވެމްބަރު 17 އިން ފެށިގެން، އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިޔަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.
މިކަމާމެދު ގޮތެއް ނިންމުމަށް އޭޖީގެ ލަފައަކަށް އެދި ފިނޭންސް މިނިސްޓްރީން އޭޖީ އޮފީހަށް ސިޓީއެއް ފޮނުވާފައިވާކަން ފިޔެސް އަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މީގެ ކުރިން އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 175،000 ރުފިޔާ ދައުލަތުން ދެ އެވެ. އެ ފައިސާ ކަނޑާލަން މަޖިލީހުން މިހާރު ފާސްކޮށްފައިވާއިރު، ޔާމީން ފިޔަވާ އެހެން ހުރިހާ ކުރީގެ ރައީސުންވެސް އެ ފައިސާ ކޮންމެ މަހަކުމެ ނެންގެވިއެވެ.
އޮފީސް ހިންގުމުގެ ހަރަދު ކަނޑާލުމުގެ ބަހުސް ކުރިއަށްދިޔަ ދުވަސްވަރު، 27 ނޮވެމްބަރުގައި ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވަނީ އޮފީސް ހިންގުމުގެ ހަރަދާއި ބޭސްފަރުވާއަށް ދައުލަތުން "އެންމެ ލޯ ލާރިއެއްވެސް" ނުނަންގަވާކަން ހާމަކުރައްވާފައެވެ.
އޮފީސް ހިންގުމުގެ ހަރަދަށާއި ބޭސްފަރުވާ އަށް ދައުލަތުން މިހާތަނަށް ޔާމީން ފައިސާ ނުނެންގެވި ނަމަވެސް އެހެނިހެން މާލީ އިނާޔަތްތައް އެ މަނިކުފާނަށް ދައުލަތުން ދޫކުރަމުން އަންނަކަން ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކަ އެވެ. އެ ގޮތުން ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތް ކޮންމެ މަހަކު ނަންގަވަ އެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ހިސާބުތަކަށް ބަލާއިރު ޔާމީން ދިރިއުޅުއްވާ ތަނުގެ ހަރަދާއި މާލީ އިނާޔަތުގެ ގޮތުގައި 8.1 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ވެރިކަން ބަދަލުވި ފަހު އަހަރު ކަމަށްވާ 2019 އިން ފެށިގެން ދިރިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ އަހަރަކު 600،000 ރުފިޔާ ޔާމީނަށް ދައުލަތުން ދޫކޮށްފައި ވެއެވެ. އަދި މާލީ އިނާޔަތަށް ވެސް ކޮންމެ އަހަރަކު ހަމަ އެ ވަރަށް އަންނަނީ ފައިސާ ދޫކުރަމުންނެވެ.




