
ރައީސް ޔާމީން މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، "ރައިޒް އަޕް ޔޫތް" ގެ ނަމުގައި ޒުވާނުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މި ދެ އަހަރު ދުވަހު މި ސަރުކާރުން ކުރި މަސައްކަތްތަކާއި، ނިކުތް ނަތީޖާއާ މެދު ވާހަކަފުޅުދައްކަވައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން މި މަހުގެ 14ވަނަ ދުވަހު ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވީ މުޅި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ.
އަދި ސަރުކާރުން ކުރާ މަސައްކަތްތައް ވާންވާނީ ރައްޔިތުން އެދޭ ކަންކަމަށް ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރަށް މިހާ ހިސާބަށް އާދެވުނުއިރު، ރައްޔިތުން އުފާވާ ފަދަ އެއްވެސް ކަމެއް ކުރެވުނުތޯ؟ ސުވާލު އުފެދޭ ކަމަށެވެ.
ބިދޭސީން ފޮނުވާލަންޏާ އެއީ ރަނގަޅުކަމެއްކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ދެ އަހަރު ކުރެެވުނު ކަމެއް ފާހަގަނުކުރައްވާ ހައްތަހާ ވެސް ރައީސް މުއިއްޒު ވިދާޅުވީ "ރަސްމާލެ" އިން 15,000 މީހުންނަށް, ކާށިދޫ ކަނޑުން 30,000 ހާސް މީހުންނަށް އަދި ބަރަވެލި ކަނޑުން 20,000 މީހުންނަށް ގޯތި ދެއްވާނެކަމަށެވެ. ރައީސް މުއިއްޒަށް ކޮށްދެވުނު ކަންތައްތަކުގެ ބަދަލުގައި ވިދާޅުވެވުނީ ހައްތަހާވެސް ކޮށްދެއްވާން ހުރި ކަންކަންކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ފާޑުކިޔުން އަމާޒުކުރެއްވިއެވެ.
ބިން ހިއްކުމަކީ ފަސޭހަކަމެއްކަމަށާއި އެހެންނަމަވެސް ދެން ހުންނަ އެއްގަމު ތޮށިލުމާއި, ކަނޑު ތޮށިލުމާއި, އިންފްރާސްޓްރަކްޗަރާއި, ކަރަންޓާ ފެނާއި ނަރުދަމާ ފަދަ ކަންކަން ކުރުމަކީ ބޮޑުކަންތައްތައް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ކިތަންމެ މުރާލި ނަމަވެސް އެ ހުރިހާ ކަމެއް ކޮށް ނިމޭއިރު އެނދުދާން ކުރާން ޖެހިލައްވާނެ ކަމަށެވެ.
ސަރުކާރުތަކާއި ވެރިންގެ ޕާފޯމަންސް ދުނިޔޭގެ ގައުމުތަކުގައި ރޭޓު ކުރާ އިންޑެކްސް ބޭނުންކޮށްގެން މި ސަަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މަސައްކަތްތައް ރައީސް ޔާމީން ރޭގެ ޖަލްސާގައި ރޭޓުކުރައްވާފައި ވާއިރު، އިންޓެގްރިޓީއަށް 60 އިން 10 މާކްސް, ރެސްޕޮންސިވްނެސްއަށް 10 އިން 5 މާކްސް, އެކައުންޓަބިލިޓީއަށް 10 އިން ސުމެއް ދެއްވިއިރު, ޓްރާންސްޕޭރެންސީއަށް 10 އިން ދެއްވީ 2 މާކްސްއެވެ. އެފިޝެންސީއަށް 10 އިން 3 މާކްސް ވެސް ރައީސް ޔާމީން ރޭ ދެއްވިއެވެ.




