ރައީސް ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން.- ފޮޓޯ: ފިޔެސް
ފައްޔާޒު އިސްތިއުފާ ދެއްވުމާއެކު ނަޝީދުގެ ތައުރީފު
ފިޔެސް 24 ނޮވެމްބަރ 2025 (ހޯމަ)   06:37
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒު އިސްމާއީލަކީ ޕާޓީގެ ހައްގުގައި ގިނަ ގުނަ ޚިދުމަތްތައް ކޮށްދެއްވާފައިވާ އަދި އެއްވެސް ޖެހިލުންވުމެއް ނެތި، ޖަލަށް ވެސް ވަޑައިގެންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފުކުރައްވައިފި އެވެ.

ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން ދެއްކެވި ވާހަކައިގާ، ފައްޔާޒުގެ ޗެއާޕާސަން ކަމުގެ ފާއިތުވި ދުވަސްވަރު ކަންހިނގާ ދިޔަ ގޮތަށް އަލި އަޅުވައިލެއްވިއެވެ. މަގާމުން އިސްތިއުފާ ދެއްވާކަން އިއުލާންކުރެއްވީ އެވާހަކަ ނިންމަވައިލައްވަމުންނެވެ. އޭގެ ފަހުން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ.

ފައްޔާޒުގެ މި ނިންމެވުމާއެކު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީއަށް ފައްޔާޒު ވަނީ ނުހަނު ގިނަ ގުނަ ޚިދުމަތްތައް ކޮށްދެއްވާފައި ކަމަށެވެ. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި، ޖަލަށް ދާން ޖެހުނު ވަގުތުގައި ވެސް އެއްވެސް ޖެހިލުންވުމެއް ނެތި، ޖަލަށް ވެސް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ނަޝީދު ވަނީ ތައުރީފުކުރައްވައިފައެވެ.

"ޕާޓީއާއެކު ފައްޔާޒަށް އިތުރު ކާމިޔާބީއަށް އެދެން،" ނަޝީދުގެ ޕޯސްޓު ގައި ވިދާޅުވިއެވެ.

އަދި އޭގެ ފަހުންވެސް ނަޝީދު ވަނީ ފައްޔާޒު އިސްތިއުފާ ދެއްވަމުން ދެއްކެވި އަކީ "އަގުހުރި ފުރިހަމަ ވާހަކަ ކޮޅެއް" ކަމަށް ބަޔާންކުރައްވައި 16 މިނެޓްގެ އެ ވީޑިއޯ އެއްކޮށް އެކްސްގައި ޕޯސްޓް ކުރައްވާފައެވެ.

ފައްޔާޒުގެ ވާހަކައިގާ ރިޔާސީ އިންތިހާބުގައި ކަންތައް ހިނގާދިޔަގޮތް ވިދާޅުވެއެވެ. އޭރު އެމްޑީޕީ ތެރޭގައި ޚިޔާލު ދެކަފިވެ، ނަޝީދަށް ތާއީދުކުރާ މީހުން ތިބީ އެމްޑީޕީ ދޫކޮށް ގޮސް އެހެން ޕާޓީއެއް އުފައްދައިގެންނެވެ. ދެބައި މީހުން އެކުގައި ރިޔާސީ އިންތިޚާބުގެ ތެރޭގައި މަސައްކަތްކުރެވޭތޯ ފައްޔާޒު ކުރެއްވި މަސައްކަތް ވިދާޅުވެއެވެ.

އޭރު އެމްޑީޕީ ދެބައިވުމާއެކު އުފެދުނު ދެކޮޅުވެރިކަން މިހާރުވެސް ކޮންމެވެސް މިންވަރަކަށް އޮތްކަން ފައްޔާޒުގެ ވާހަކައިން ދޭހަވެއެވެ.

"އަޅުގަނޑުމެން ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަށް ކުރިއެރުމެއް ލިބޭތަނެއް އަޅުގަނޑަކަށް ނުފެނޭ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ 2022 މެއި 23 ގައެވެ. އޭރު ފައްޔާޒު ހުންނެވީ އިބްރާހީމް މުޙައްމަދު ސޯލިހް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށެވެ. ރައީސް އިބޫގެ ތާއީދާއި ސަރުކާރުގެ ނުފޫޒާއެކު ފައްޔާޒު އެމަގާމަށް ކެމްޕޭން ކުރެއްވިއިރު އޭނާއާ ވާދަކުރެއްވީ އޭރުގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީއެވެ. ރައީސް ނަޝީދު ތާއީދު ކުރެއްވީ އިމްތިޔާޒު އަށެވެ.

ރައީސް ނަޝީދާއި ރައީސް އިބޫއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ރައީސް ނަޝީދު އާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އެދުވަސްވަރު ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެކި ތުހުމަތުތައްވެސް ކުރެއްވިއެވެ.

އެދުވަސްވަރު އެމްޑީޕީ ދޫކުރައްވާ ވަޑައިގެންނެވި ބޭފުޅުން އަނބުރާ އެ ޕާޓީއަށް ގެންނަވައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އުފެއްދެވުމަށް ފައްޔާޒު ވަރަށްބޮޑަށް މަސައްކަތް ކުރެއްވިއިރު މިހާރު އޭގެ ތެރެއިން ގިނަ ބޭފުޅުން، ޚާއްސަކޮށް އެންމެ އިސްބޭފުޅުން ތިއްބެވީ އެމްޑީޕީއާ އެކު އެވެ.

ކޮމެންޓް